ލަންކާތިބި ދިވެހިންނަށް އެހީ ފޮނުވޭގޮތް ހަމަޖައްސައިދެނީ
ކޮވިޑް-19 ގެ ސަބަބުން ލަންކާގައި ހާލުގައި ޖެހިފައިތިބި ދިވެހި ޢާއިލާ ތަކަށް އެހީ ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެގޮތް ދިވެހި ސަރުކާރުން ހަމަޖައްސައިދިނުމުގެ މަސައްކަތް ފައްޓަވައިފިއެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން އެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، އެކަން ކުރަނީ ސަރުކާރުން ޗާޓަރު ކުރާ ކާގޯ ފްލައިޓުތަކުން ކަމަށެވެ. އަދި އޭގެ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ކޮވިޑު-19 ޓާސްކްފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒުވެސް ވަނީ މިކަން ހާމަކުރައްވާފައެވެ. އަދި އެއީ ރައީސް ސޯލިހްގެ އިރުޝާދުގެ ދަށުން ކުރެއްވި ކަމެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން އަންނަ ހަފްތާގެ އާދީއްތަ ދުވަހު މޯލްޑިވިއަންގައި، ލަންކާގައި ތިބޭ ދިވެހިންނަށް ބޭނުންވާ އެހީ ފޮނުވޭނެ ކަމަށް ވިދާޅުވިއެވެ.
ކޮވިޑު-19 އާއި ގުޅިގެން ސްރީލަންކާއިން ވަނީ މުޅި ޤައުމު ފުރަބަންދު ކޮށްފައެވެ. އެހެން ކަމުން އެ ޤައުމަށް މިހާރު ދަތުރުނުކުރެވެއެވެ. އެކަމާއި ގުޅިގެން އެ ޤައުމުގައި ތިބި ދިވެހިންނަށް ވަނީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
ލަންކާގައި ތިބި ދިވެހި ބައެއް ޢާއިލާތައް މީޑިއާ މެދުވެރިކޮށް އެމީހުންގެ ޙާލަތު ދަނީ ބަޔާންކޮށްދެމުންނެވެ.


