އެމެރިކާއަށް ގިނަ ބިންހެލުންތަކެއް އައިސްފި
ފާއިތުވި ދެގަޑިއެއްހާއިރު ތެރޭގައި އެމެރިކާއަށް 90 އަށްވުރެ ގިނަ ބިންހެލުން އަތުވެއްޖެއެވެ. ނަމަވެސް ގިނަ ބިންހެލުންތައް އައިސްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށް ވާތީ ބިންހެލުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އެންމެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ 6.4 މެގްނެޓިއުޑްގައި ކެލިފޯނިއާ އަށެވެ. އެ ބިންހެލުން އައުމަށްފަހު ކެލިފޯނިއާގައިވަނީ ކުއްލިޙާލަތު އިޢުލާންކޮށްފައެވެ. އެބިންހެލުމަށް ފަހު ދެން އަންނަމުންދާ ބިންހެލުންތައް ރެކޯޑް ކުރެވިފައި ވަނީ 2.8 މެގްނެޓިއުޑާއި 4.8 މެގްނެޓިއުޑާއި ދެމެދުގައެވެ.
ފާއިތުވި ފަސް އަހަރު ތެރޭގައި ވެސް އެމެރިކާ އަށް އެއް ދުވަހެއްގައި މިހައި ގިނަ އަދަދެއްގެ ބިންހެލުން އައިސްފައެއް ނުވެއެވެ.
މިއަދު އައިސްފައިވާ ބިންހެލުންތަކުގެ ބާރު ދެރަނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ބާރުގަދަ ބިންހެލުންތަކެއް ނުވަތަ ބާރުގަދަ ބިންހެލުމެއް އައުމަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނަކަށް ވުން ވަރަށް ގާތެވެ.
އެމެރިކާ އަށް ފާއިތުވި ދެގަޑިއެއްހާއިރު ތެރޭގައި ގިނަ އަދަދެއްގެ ބިންހެލުން އައިސްފައި ވާއިރު އެމެރިކާގެ ގިނަ ސަރަހައްދުތަކެއްގައި ގެންދަނީ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތައް ބާއްވަމުންނެވެ. އޭގެތެރޭގައި މަސްތުވެގެން ތިބެ ކުރިއަށް ގެންދާ ޕާޓީތައް ވެސް ހިމެނެއެވެ.
މިއަދު އައި ބިންހެލުންތަކުގައި ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް އިމާރާތްތައް ވަރަށް ބޮޑަށް ހެލުނު ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ.


