މުސަޅާއި ޒިބުރާ
ކުޑަކުދިންގެ ވާހަކަ 44
މުސަޅާއި ޒިބުރާ
އެއްސަހަރެއްގައި ޖަންގަލީގައި ޒިބުރާއެއް ދިރިއުޅުނެވެ. މި ޒިބުރާ ހިނގަމުން ދަނިކޮށް މާ ރީތި ބަގީޗާއެއް ފެނިއްޖެއެވެ. ބަގީޗާގެ ތެރޭގައި ހުރި މޭވާ ގަހެއްގައި ދޮންވެ ފައްކާވެފައި ހުރި މޭވާތައް ޒިބުރާގެ ލޮލުގައި އަޅައިގަތެވެ. ގަސް ކައިރިއަށް ދިޔަތަނާ ގަހުގެ ކައިރީގައި އިން މާ ވަށިގަނޑެއް ފެނުނެވެ. ޒިބުރާ ދެކޮޅު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒިބުރާ އެމާތަށް އުކާލުމަށްފަހު، ވަށިގަނޑަށް މޭވާ ބިނދެފައި އެޅިއެވެ.
ޒިބުރާ މޭވާވަށިގަނޑު ހިފައިގެން ބަގީޗާއިން ނިކުންނަށް ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް މީހަކު ނިކަން ބާރަށް ޒިބުރާގެ ނިގުލަށް ދަމައިގަތެވެ. ޒިބުރާ ފަހަތަށް އެނބުރި ބަލައިލިއިރު މުސަޅު މިހުރީ ވަރަށް ރުޅިއައިސްފައެވެ. ” ތިއީ މިގަސް ކައިރީ ހުރި މާ ވަށިގަނޑުދޯ؟” މުސަޅު ސުވާލުކުރިއެވެ. ޒިބުރާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. ” ހޫން.. ހޫން.. އަނެއްކާ ކިހިނެތް ވީ؟ މިތާ ގަސް ކައިރީ އިނީމަ ކާކުގެ އެއްޗެއް ކަމެއް ނޭނގޭ. އެހެންވެ ބޭނުންކުރީ.”
މުސަޅު އަދި އިތުރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ” ތަންތަނުގައި ހުންނަ މީހުންގެ އެއްޗިހި ބޭނުންކުރާނީ އޭގެ ވެރިޔާގެ ހުއްދަ ހޯދައިގެން. ނޫނީ އެކުރެވެނީ ގޯސްކަމެއް”.
ޒިބުރާ ހައިރާންވެފައި ސުވާލުކުރިއެވެ. ” މުސަޅު ކީއްކުރާ މާ ވަށިގަނޑެއްތަ؟” ތިޔައީ ބިމުގެ އަޑީގައި ގެދޮރު އަޅައިގެން އުޅޭ ޖަނަވާރެއް ނޫންތަ؟ “.
” އަހަރެން މިއުޅުނީ އަހަރެންގެ ދަރިފުޅު ބަލިވެގެން އޭނާއަށް ބޭސް ހަދަން. އެއީ ވަރަށް ދުރު ހިސާބަކުން ގެނައި މާތަކެއް. އެގަސްތަކުގައި މާ ހުރީވެސް ނިކަން މަދުން. އެހާ މުހިންމު ކަމަކު ގެނައި އެއްޗެއް ތިޔަ އުކާލީ.” މުސަޅު ދެރަވެފައި ބުންޏެވެ.
” އަހަރެން އެ މާތަށް އުކާލީ މިތާ ކައިރި މިއޮތް ފެންގަނޑަށް. އަޅެ ހިނގާބަލަ އެމާތަށް ހުރިތޯ ބަލަން”. ޒިބުރާވެސް ވަރަށް ދެރަވެފައި މުސަޅާއެކު ހިނގައިގަތެވެ.
ފެންގަނޑު ކައިރިއަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. މަސްތައް މާތަށް ކައި ހުސްކޮށްފިއެވެ. ފެންނަން ހުރީ ކައިފަ ހުރި ދެތިން ފިޔައެވެ.
އެންމެ ފަހުން ޒިބުރާއަށް ޖެހުނީ މުސަޅު ކިޔައިދިން މަގުން ދުރު ދަތުރުކޮށްގެން މުސަޅު އެބުނާ ވައްތަރެއްގެ މާތަކެއް ހުރިތޯ ބަލަން ދާށެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޒިބުރާ މާވަށިގަނޑު ހިފައިގެން އައިސް މުސަޅާއި ހަވާލުކުރިއެވެ. މުސަޅުގެ ދަރިފުޅަށް ބޭސް ހެދުމުގައި މުސަޅާއި އެކު ޒިބުރާ ވެސް ބައިވެރިވިއެވެ. އަދި މީހެއްގެ ހުއްދަ ނުހޯދާ އެއްވެސް އެއްޗަކާއި ނުކުޅުމަށް ޒިބުރާ އެދުވަހު އަޒުމު ކަނޑައެޅިއެވެ. (ނިމުނީ)
ޢިބްރަތް: – ހުއްދަ ނެތި މީހުންގެ ތަކެއްޗާއި ކުޅުމަކީ ރަނގަޅުކަމެއް ނޫން.
- ތިމާއަށް ކުޑަކަމެއް ކަމުގައި ހީވާ ކަންކަން، އަނެކުންނަށް މާ ބޮޑުކަމެއް ކަމުގައި ވެދާނެ.