ނ.އަތޮޅު ރައީސްކަމަށް ޢަލީ ޒާފިރުވެސް ވާދަކުރައްވަން ނިންމަވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ނ.އަތޮޅުގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެކަން މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޢަލީ ޒާފިރު އިޢުލާން ކުރައްވައިފިއެވެ.
ޢަލީގެ ފޭސްބުކް އެކައުންޓުންނާއި، ޓްވިޓަރ އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “މާތްﷲގެ ވާގިފުޅާއިއެކު ކުރިޔަށް އޮތް ލޯކަލްކައުންސިލް އިންތިހާބުގައި ނ.އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ނިންމައިފިން” މިހެންނެވެ.
ޢަލީ ގެ މިޕޯސްޓަށް ގިނަބަޔަކު ގެންދަނީ މަރުޙަބާ ކިޔަމުންނެވެ. އަދި ހެޔޮނަޞީބާއި ކާމިޔާބަށް ގިނަބަޔަކު ވަނީ އެދިފައެވެ.
ޢަލީ ޒާފިރަކީ ނ.މަނަދުއަށް ނިސްބަތްވާ ބޭފުޅެކެވެ. އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އަދި ނ.އަތޮޅު ކައުންސިލްގެ މެމްބަރުކަމާއި، ރައީސްކަން ކުރައްވާފައިވާ މަނަދޫ ރައްޔިތުންނާއި، ނ.އަތޮޅުގެ ގިނަރައްޔިތުންގެ ތާއިދާއި، މަޤުބޫލްކަން ހޯއްދަވާފައިވާ ސާދާ ބޭފުޅެކެވެ. މަޑުމައިތިރި ހިތްހެޔޮ އެންމެންނާވެސް ގުޅޭ އެކުވެރި ބޭފުޅެކެވެ.
ނ.އަތޮޅު ކައުންސިލްކަމަށް ޢަލީ ކުރިމަތިލައްވާނެކަން އިއުލާން ކުރެއްވިއިރު އެމަޤާމަށް ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާނެކަން ރަސްމީކޮށް އިޢުލާންކުރައްވާފައިވާ ބޭފުޅުންގެ ޢަދަދު 4 ށް އެރީއެވެ.
އެމްޑީޕީން މިހާރު ނިންމާފައިވަނީ އެޕާޓީގެ ޕްރައިމަރީ މިހިނގާ ޖެނުއަރީ މަހުގެ 31 ގައި ބާއްވާށެވެ.


