ޚަބަރު

އެމްޑީޕީއަކީ ވޯޓަށް ފަރިތަ ޕަޓީއެއް، ކައުންސިލް ތިޚާބުވެސް ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ – ރައީސް ނަޝީދު

އެމްޑީޕީއަކީ ވޯޓަށް ފަރިތަ ޕަޓީއެއްކަމަށާ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުވެސް ފަސޭހަކަމާއެކު ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރާނޭކަމަށް އެމްޑީޕީގެ ރައީސް ، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް 2 ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންވުމާގުޅިގެން ޢާންމު މެމްބަރުނަށް ޝުކުރު އަދާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިސްލާހުތަކާއެކު ކައުންސިލްތައް ހިންގުމާއި އިންތިޚާބުކުރާ ގޮތަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށެވެ. އެކަންކަމަށް ޕާޓީން ތައްޔާރުވާންޖެހޭކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އެގޮތުން އަތޮޅު ޗީފާއި، ސިޓީތަކުގެ މޭޔަރުން އިންތިޚާބް ކުރާނީވެސް ވޯޓުންކަމަށާ، ލީޑަރޝިޕް އިންތިޚާބަށްފަހު އެމްޑީޕީއޮތީ ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ރުކުރުވާލެވިފައިކަމަށާ، ކައުންސިލް އިންތިޚާބް ބޮޑުތަނުން އެމްޑީޕީން ކާމިޔާބު ކުރައްވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއިންތިޚާބަކީ ޕާޓީ އެކަތިގަޑެއްގެ ގޮތުގައި ރުކުރުވާލަން ލިބުނު ރަނގަޅު ރުފުސަތެއްކަމަށެވެ. އިންތިޚާބަށްފަހު އެމްޑީޕީގެ އަމާޒު މިހާރުއޮތީ ކައުންސިލް އިންތިޚާބަށްކަމަށާ، ބޮޑު އިންތިޚާބަކާ ކުރިމަތިލުމުގެ ކުރިން ޕާޓީގެ އެތެރޭގައި ވާދަވެރި ރޫޙެއްގައި އިންތިޚާބެއް ބޭއްވުމަކީ ބޮޑު އިންތިޚާބުތައް ކާމިޔާބްކުރުމަށް ފަސޭހަތަކެއް ވެގެންދާނެކަމެއްކަމަށެވެ.

“އަޅުގަނޑުމެން އެތެރޭގައި މިބޭވުނު އިންތިޚާބަށްފަހު ޕާޓީމިވަނީ އަނެއްކާވެސް އެކަތެރި ގަނޑެއްގެ ގޮތުގައި ރުކުރުވާލެވިފަ. އަޅުގަނޑުމެންގެ ސީދާ އަމާޒު މިއޮތީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް. މި އިންތިޚާބަކީ ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ގެންނަ އިސްލާޙުތަކާއިއެކު ބޮޑު ބަދަލުތަކެއް ފެންނާނެ އިންތިޚާބެއް. އަޅުގަނޑުމެންނަށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް މިއިންތިޚާބް އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބްކުރާނެކަމަށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޢާއްމުމެމްބަރުން މިހާރުން ފެށިގެން ތައްޔާރުވަމުންދާއިރު، އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބްގައި ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވަންޖެހޭ ޕްރައިމަރީ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގައި އެމްޑީޕީގެ މެމްބަރުންގެ %90 ވޯޓް ލިބުނީ މެމްބަރުން ކުރާ އިތުބާރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންތިޚާބުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓުގެ ޢަދަދު މަދުކަމަށް ދެކެވޭ ވާހަތަކާ ގުޅިގެން އެމަނިކުފަނު ވިދާޅުވީ އިދިކޮޅުން ވާހަކަދައްކަވާ ބޭފުޅުންނަށް މަދުވެގެން 200 ވޯޓްވެސް އަމިއްލަ ޕާޓީތެރެއިން ނެރެވޭވަރުގެ ބޭފުޅަކުވެސް ނެތްކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ލީޑަރޝިޕް އިންތިޚާބުގައި ޖުމްލަ 87،439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 23،584 ވޯޓެވެ. އެމްޑީޕީގެ ލީޑރޝިޕް އިންތިޚާބްގައި އެޕާޓީގެ ނައިބްރައީސްގެ މަޤާމަށް އިންތިޚާބް ވެފައިވަނީ މިހާރުވެސް އެމަޤާމު ފުރުއްވަމުންދާ މުހައްމަދު ޝިފާޒެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close