“ލޮބުވެރި ނަބިއްޔާ” ގެ ނަމުގައި ޚާއްޞަ ދަރުހެއް ލަންދޫގައި ބާއްވައިފި
ނ.ލަންދޫގައި އޮންނަ ދީނީ ޖަމިއްޔާއެއްކަމުގައިވާ “ލަންދޫ އިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން”(ލައިފް) ޖަމިއްޔާއިން އިންތިޒާމްކޮށް ލަންދޫ ކައުންސިލާއި ، ލަންދޫ ސްކޫލްގެ އިތުރުން ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަމާއެކު “ލޮބުވެތި ނަބިއްޔާ”ގެ ނަމުގައި ވަރަށް ޚާއްޞާ ދަރުހެއް ލަންދޫގައި ރޭ ބާއްވައިފިއެވެ.
މި ދަރުހުގައި ތަޤްރީރު ކުރެއްވީ އައްޝައިޚް ސާޖިދު މުޙައްމަދު އެވެ. ޝެއިޚްގެ ތަޤްރީރުގައި ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގެ މައްޗަށް ވަރަށް ތަފްޞީލް ކޮށް ބަލައްވާލައްވާ ޤުރުއާނާއި، ސުންނަތުން މިސާލު ދައްކަވައި، އިތުރު އެކަލޭގެ ފާނާމެދު އަޅުގަނޑުމެން ލޯބިވާންޖެހޭ މިންވަރުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
އަދި އިތުރު މާތް ޞަޙާބީން އިތުރު އެކަލޭގެ ފާނަށް ބެހެއްޓެވި ލޯތްބާއި މަތިވެރި ޤަދަރުގެ މައްޗަށްވެސް އަލިއަޅުވާލައްވާ އިސްލާމީ ތާރީޚުން ގިނަ ޙާދިސާތަކެއްގެ ވާހަކަތައް ކިޔަވައިދެއްވާ އެޒަމާނުގައި ކަންކަން ހިނގާފައިވާ ގޮތްތައްވެސް ޝެއިޚްގެ ރޭގެ ދަރުހުގައި ވަރަށް ތަފްޞީލްކޮށް ކިޔައިދެއްވިއެވެ.
ލަންދޫގެ ކުދިބޮޑު ދެޖިންސްގެ އެންމެހައި ފަރާތްތަކަށް ހުޅުވަލައިގެން ނ.ލަންދޫ ސްކޫލްގެ ހޯލްގައި ބޭއްވި ދަރުސް އަޑުއެހުމަށް ވަރަށް ގިނަމީހުން ޖަމާވިއެވެ.

ލައިފް ޖަމިއްޔާއިން މަޢުލޫމާތު ދެއްވި ގޮތުގައި އެޖަމިއްޔާގެ ފަރާތުން މެދުނުކެނޑި ލަންދޫގައި މިފަދަ ދީނީ ދަރުސްތައް އަންނަނީ ބާއްވަމުންނެވެ. ކުރިއަށްއޮތް ޑިސެމްބަރ މަހުގެ ތެރޭގައިވެސް މިފަދަ ދަރުސެއް ލަންދޫގައި ބޭއްވުމަށް އިންތިޒާމް ކުރެވިފައިވާ ކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއްވިއެވެ.
ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ހަޖޫޖަހައި އެމްޑީއެންއިން ރިޕޯޓް ނެރުމާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ދަރުސްތައް އަންނަނީ އިންތިޒާމްކުރަމުންނެވެ.

