ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު 3 ކުދިން މިއަދު ނިޔާވެއްޖެ
ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު 3 ކުދިން މިއަދު އައިޖީއެމްޗްގައި ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ މާލޭގައި ދިރިއުޅޭ ދެމަފިރިއަކަށް ލިބުނު ތިން ފިރިހެން ކުދިންނެވެ. އެ ދެމަފިރިންނަކީ ސ.ހިތަދުއަށް ނިސްބަތްވާ ދެ މީހުންނެވެ.
ނިޔާވި 3 ކުދިންގެ ބައްޕަ އަޙްމަދާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓު ކުރި ގޮތުގައި އޭނާގެ އަންހެނުންގެ ބަނޑަށް 5 މަހުގައި 3 ކުދިން އުފަންވުމާއި ހަމައަށް ވެސް މައްސަަލައެއް ދިމާވެފައެއް ނުވެއެވެ. އެ ގޮތުން މިއަދު ހެނދުނާއި ހަމައަށް ހުރިހާކަމެއް ވެސް ރަނގަޅުކަމަށް އަޙްމަދު ބުންޏެވެ.
އެ ތިން ކުދިން ނިޔާވި ސަބަބުކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ އަންހެން މީހާގެ ފެންދުލި ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. އަޙްމަދު ބުނި ގޮތުގައި ތިން ކުދިން ނިޔާވީ އުފަންވިތާ ގަޑިއެއްހައިއިރު ފަހުންނެވެ. ކުދިން ނިޔާވީ އެންއައިސީޔޫއަށް ގެންގޮސް އެ ތަނުގައި ފަރުވާދެމުން ދަނިކޮށެވެ.
މާކިން ބިން އަޙްމަދާއި, މާޒިން ބިން އަޙްމަދާއި، މިޒްޔާން އަޙްމަދުގެ ނަމުން ނަންދީފައިވާ މި ތިން ކުދިންގެ ޖަނާޒާ މިއަދު ޢަޞްރު ނަމާދަށް ފަހު އާސަހަރާގައި ވަނީ ބާއްވާފައެވެ.

