ޓީޗަރުންގެ މުސާރަ އަށް ހެޔޮބަދަލެއް އައިސްފައިނުވާތީ އެޑިޔުކޭޝަން މިނިސްޓަރާ ސުވާލުކުރަނީ
ކުރީ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުން ތަޢުލީމީ ދާއިރާ އާއި، ޓީޗަރުންގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނީ ކިހާތާކުތޯ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އާ ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.
އޭގެ އިތުރުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އެޑިޔުކޭޝަން މިނިސްޓަރާއި ކުރައްވާ ސުވާލަކީ ސްކޫލް ނިންމާ މޮޅެތި ދަރިވަރުން މި ދާއިރާއާ ދުރަށް ދާތަން ފާއިތުވި 12 ވަރަކަށް އަހަރު ފެންނަމުންދާތީ އެކަން ދިމާވާ ސަބަބަކީ ކޮބައިތޯއެވެ.
އަދި އެކަން ޙައްލުކުރަން މިނިސްޓްރީން ކުރައްވާ މަސައްކަތަކީ ކޮބައިތޯވެސް ސުވާލު ކުރެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ދެން ހުރި ކަންތައްތަކަށް ބަލާލާއިރު ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާއި ޚިލާފު ނިންމުންތަކާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުއްވާފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރު، ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާތީ ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވަނީ އެޖެންޑާކޮށްފަ އެވެ.
އަދި މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާކޮށްފައިވަނީ މިއަދުގެ ޖަލްސާގައި ބަހުޘްކޮށް ނިންމާލި ޢާމްދަނީން ޓެކްސް ނެގުމުގެ ބިލަށެވެ. މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނީ މިބިލު ބަލައިގަތުމަށް ފެނޭތޯ އެވެ. މި ބިލު މަޖިލީހަށް ބަލައިގެންފިނަމަ އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމެޓީއަކަށް ފޮނުވާނެ އެވެ.



