ތައުލީމީ ނިޒާމު މުބާރާތަކަށް ވެފައިވާކަމަށް ވިދާޅުވެ ރާޝިދާ ޔޫސުފް ކަންބޮޑުވުން ފާޅުކުރައްވައިފި

ރާއްޖޭގެ ތައުލީމީ ނިޒާމު މުޅިން މުބާރާތަކަށް ބަދަލުވެފައިވާކަމަށާއި، މީގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސޯޝަލް ވެލްފެއާ މިނިސްޓަރުކަމާއި ސްކޫލުތައް ހިންގުމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ރާޝިދާ ވިދާޅުވީ “މުބާރާތްތައް ބޭއްވުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫން. އެކަމަކު މިހާރު މިވާގޮތަކީ، ނަފްސާނީ ގޮތުން އަޅުގަނޑުމެންނަށް އަސަރުކުރާ ވަރަށް ކަންކަން ގޯސްވެއްޖެ،” ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި އެންމެ ބޮޑު މައްސަލައަކީ މުޅި ތައުލީމީ ނިޒާމު މުބާރާތަކަށް ބަދަލުވެ، ކިޔެވުމާއި އިތުރު ހަރަކާތްތަކާއި ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތެއްގެ ގޮތުގައި ކުރިއަށްދާކަމެވެ. މީގެ ސަބަބުން ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތެއް ނުލިބޭކަމަށް އެކަމަނާ ވިދާޅުވިއެވެ. މިހާރު ސްކޫލުތަކުގައި ހުސް މުބާރާތްތައް އޮންނަހެން ހީވާކަމަށް ރާޝިދާ ވިދާޅުވިއެވެ.
ރާޝިދާ ޔޫސުފް ވިދާޅުވި ގޮތުގައި، މިހާރު 12 އަހަރު ސްކޫލު ނިންމާފައި ނުކުންނަ ކުދިންނަށް ސިޓީއެއް ލިޔެލަން ވެސް ނޭނގޭ، ދިވެހިން ވާހަކަ ދައްކަންވެސް ނޭނގޭ، އިހްތިރާމް ކުރާކަށް، މީހުންނަކަށް އަޅާލާކަށް ވެސް ނޭނގޭ’ ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ސްކޫލު ނިންމާފައި ނުކުންނަ ކުދިން، އަދާ ކުރާ ވަޒީފާ ކަމުނުގޮސްފި ނަމަ، އެކަން އިތުރަށް ކުރާކަށް ބޭނުމެއް ނުވޭ. އަދި ލިބުނު ވަޒީފާ އަދާކޮށްގެން، އެއިން ލިބުނު އެއްޗެއް ހޯދައިގެން ކުރިއަށް ދާން ދަރިންނަށް ދަސްކޮށް ނުދެވޭ ކަމަށެވެ. “ދެން މިވާގޮތަކީ ކުދިން ވެސް ތަންކޮޅެއް ‘އެންޓައިޓަލްޑް’ ގޮތަކަށް މި ބޮޑުވެގެން ދަނީ،” އެކަމަނާ ވިދާޅުވިއެވެ.
ރާޝިދާ ޔޫސުފް ވިދާޅުވި ގޮތުގައި، މިހާރު ކުދިން ސިކުނޑި ބޭނުންކޮށްގެން، ވިސްނާ، ބަލާ، ހޯދާ ފިކުރުކޮށްގެން ކަންކަން ދަސްކުރަން ބޭނުމެއް ނުވެއެވެ. ކުދިން ކިޔަވަނީ ހިތުދަސްކޮށްގެން ކަމަށާއި، ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރާއި ޓިއުޝަނުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދޭ ޕްރޮޖެކްޓުތަކާއި އެސައިންމަންޓްތައް ވެސް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށާއި، މިކަން ފާޅުގައި ކުރަމުންދާއިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވިއެވެ. “ދެން މި ކަހަލަ ކުދިންތަކެއް ނެރެގެން ކިހިނެއްތޯ އަޅުގަނޑުމެން މުސްތަގްބަލުގައި ގައުމު ހިންގާނީ؟” އެކަމަނާ ސުވާލު އުފެއްދެވިއެވެ.
މިހާލަތުން އަރައިގަތުމަށްޓަކައި، އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ރާޝިދާ ޔޫސުފް ވަނީ، އެހެން ގައުމުތަކުގައި ވެސް ތައުލީމު ދެމުން އަންނަ ގޮތް ބަލައި ހޯދައި، ގާނޫނަށް ފައްތަން ޖެހޭ ނަމަ އެކަން ވެސް ކޮށްގެން އެފަދަ ކަންކަން ތައާރަފްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ވަކިން ހާއްސަކޮށް، ބެލެނިވެރިންގެ ހާއްސަ އިރުޝާދުގެ ދަށުން، ގޭގައި ކިޔެވޭ ގޮތަށް ‘ހޯމް ސްކޫލިން’ ތައާރަފްކޮށްދެއްވުމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އެހެން ބައެއް ގައުމުތަކުގައި މިއީ ކުރާކަމެއް ނަމަވެސް، ރާއްޖޭގައި މިކަމަށް މިހާތަނަށް ހުއްދަ ދީފައެއް ނުވެއެވެ. އަދި، ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށް އެދި މީގެ ކުރިން ބެލެނިވެރިންތަކެއް ޕެޓިޝަން ވެސް ހުށަހެޅި ނަމަވެސް، ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައަޅައި، އެކަން އޮންނަނީ ހަރުކަށިކޮށް މަނާކޮށްފައެވެ.

