ޖަލުން ސަލާމަތްވެ ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފި
2 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޖަލު ހުކުމް ތަންފީޒްކުރެއްވުމަށްފަހު، މިނިވަންވެވަޑައިގެން، ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފިއެވެ.
ފުރަތަމަ ބޭއްވި ސިޔާސީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަންކުރެއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން “ޝުކުރިއްޔާ ލޮބުވެތި ރައްޔިތުން”ގެ ނަމުގައި ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ސިޔާސީ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަމުން މިރޭ ވިދާޅުވީ އަދުލުވެރި ޝަރީޢަތެއް ކޮށްފިނަމަ އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެކަމަށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރައްވައި އެކަލާނގެ ނިޢުމަތަށް ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ކުރެއްވި ހުކުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އަނެއް “ބަންދު ހުރަސް” އަންނަންދެން ރައްޔިތުންނާއި އެކު މަސައްކަތް ކުރައްވާނެކަމަށެވެ.
ރައީސް ޔާމިން އެ އިޝާރާތްކުރެއްވީ ރ.ފުއްގިރި އަދި ވ.އާރަށު މައްސަލާގެ ޝަރީޢަތްތައްވެސް ކޯޓްގައި ހިނގަމުންދާ ދިއުމަށް އިޝާރާތްކުރައްވައެވެ. ރައީސް ޔާމީން ވިދާޅުވީ، އަދުލުވެރި ހައްގު ޝަރިޢަތެއްކޮށްފިނަމަ އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެކަމަށެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ، އަދުލުގެ ނިޒާމަކީ މިހާރު ވެސް ރާއްޖޭގެ އެންމެ “ކޮރު ނިޒާމު” ކަމަށް ސިފަކުރައްވާފައެވެ.

އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ފައިސާއިން ވައްކަންކޮށްގެނެއް ހައްޤު ޝަރީއަތެއް ކޮށްފިނަމަ، ޢަދުލުވެރިކަމާއެކު ކަމެއްކޮށްފިނަމަ، ހަމަ މީގެ އަހަރުތަކެއް ކުރިން މި ޕޯޑިއަމްގައި ދެންނެވިގޮތަށް، އަޅުގަނޑުގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ.
– ރައީސް ޔާމީން
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނަށް މި ވަގުތު ކުރިމަތިވެވަޑައިގަންނަވާ ހަމަލާތަކަކީ ހަމައެކަނި އެމަނިކުފާނަށް އަމާޒުވާ ހަމަލާތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެއީ ރާއްޖެ ދެކެ ލޯބިވާ ދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިވާ ހަމަލާތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ
“އަދުލުގެ ނިޒާމަކީ ހުރިހާ ކަމަކުން އެއްކިބާވެގެން ހިނގާ އަދުލުގެ ނިޒާމެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ނަމަ ރާއްޖޭގައި ދިރުމެއް ނެތް. ރާއްޖޭގައި ކުރިއެރުމެއް ނެތް،” ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ގިނަ އަދަދަކަށް ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
ޔާމީން މިނިވަންކުރުމަށް މަސައްކަތްކޮށްދިން އެންމެންނަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ ލިބުނު އެންމެ ބޮޑު ހިތްވަރަކީ ރައްޔިތުން އެ މަނިކުފާނާ އެކު ހިތްވަރު އެލުވާނުލައި ތިބުން ކަމަށެވެ.

