ޚަބަރު

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކާ ދުރުވުމަށް ޚުތުބާގައި ގޮވާލައިފި

ޢީދުގެ އުފާ ފާޅުކުރުމުގެ ނަމުގައި އިސްލާމީ ސަގާފަތާއި ދީނީ އުޞޫލުތަކާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަ ނުދިނުމަށާއި، ޝަރުޢީ މިންގަނޑުގެ ތެރޭގައި ހުދޫދުތައް ހިފެހެއްޓުމަށް މިއަދުގެ ފިޠުރު ޢީދު ޚުތުބާގައި މުޅި އިސްލާމީ އުއްމަތަށް ގޮވާލައްވައިފިއެވެ.

“ފިޠުރުޢީދުގެ އުފަލާއި އަދަބުތައް” މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޢީދު ޚުތުބާގައި ވަނީ، ދީނީ ރޫޙާ ޚިލާފު ކަންކަމުން ދުރުހެލިވުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ. ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ޢީދު ދުވަހަކީ މާތްﷲ ދެއްވި ހިދާޔަތަށް ޝުކުރުވެރިވެ، އެކަލާނގެ މަތިވެރިކަން ބަޔާންކޮށް ގިނަގިނައިން ތަކުބީރުގެ އަޑު އުފުލަންވީ ދުވަހެވެ. އަދި ޢީދު ޒީނަތްތެރި ކުރަންވާނީވެސް ތަކުބީރުގެ މަތިވެރި ކަލިމަތަކުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޚުތުބާގައި ބުނެފައިވަނީ، ޢީދަކީ މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަން އެންމެ ފުރިހަމައަށް ފެނިގެންދާންޖެހޭ ދުވަސް ކަމަށެވެ. އެގޮތުން، ހިތްތަކުގައިވާ ޙަސަދަވެރިކަމާއި ބައިބައިވުން ނައްތާލައި، އެކުވެރިކަން އާލާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި، ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަށާއި، ފަޤީރުންނާއި ނިކަމެތިންވެސް ޢީދުގެ އުފަލުގައި ބައިވެރިކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެކަކު އަނެކަކާ ބައްދަލުވާއިރު ހިނިތުންވުމާއެކު މޫނުމަތިން އުފާވެރިކަން ފާޅުކޮށް، ހަދިޔާ ބަދަލުކުރުމަކީވެސް ޢީދުގެ އުފާވެރިކަން އިތުރުކޮށްދޭނެ ކަމެއްކަމުގައި ވަނީ ބުނެފައެވެ.

މިއަދުގެ ޚުތުބާގައި ވަނީ ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމުގެ މައްޗަށްވެސް ވަރަށް ބޮޑަށް ބާރުއަޅާފައެވެ. މިސާލެއްގެ ގޮތުން އިބްރާހީމްގެފާނު ކުރެއްވި ދުޢާފުޅު ނަންގަވައި، ކާބޯތަކެއްޗާއި ތަނަވަސްކަމަށްވުރެ ކުރިން އެކަލޭގެފާނު އިސްކަންދެއްވީ ރަށުގެ އަމާންކަމަށްކަން ވަނީ ހަނދާންކޮށްދީފައެވެ. އަމާންކަން ގެއްލިއްޖެ މުޖުތަމަޢެއްގައި އެއްވެސް ހަމަޖެހުމެއް ނޯންނާނެކަން ފާހަގަކޮށް، ޤައުމުގެ ސަލާމަތަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޤައުމީ އަދި ދީނީ ވާޖިބެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ މަތިވެރި އަޅުކަންތަކަށްފަހު، ވިދިގެން އަންނަ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މުހިންމުކަމާއި އޭގެ މާތްކަންވެސް މިއަދުގެ ޚުތުބާގައި ވަނީ މުސްލިމުންނަށް ހަނދާންކޮށްދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close