ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް އުވާލުމަށްފަހު ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ބާއްވަނީ

ކުރީގެ ރައީސް ޔާމީން ސަރުކާރުން ތަޢާރަފު ކުރެއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އުވާލުމަށްފަހު “ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް”ގެ ނަމުގައި ހޯމް އެންޑް އަވޭ ލީގެއް ތައާރަފްކުރަން ނިންމައިފިއެވެ.

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ އަހަރު ބާއްވާކަން އިއުލާންކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އާއި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ގުޅިގެން ހޯމަ ދުވަހު ޔޫތު މިނިސްޓްރީގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ބޭއްވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާލުވީ، ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭއިރު ދަތިތައް ހުންނާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ކުރިން ބައިވެރިވާ ރަށްރަށާ ކުރީބައިގައި ބައްދަލުކޮށް ރަށްރަށުން ބޭނުންވާ ކަންކަން އޮޅުންފިލުވާނެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުރިޔަށްދާނީ ކައުންސިލްތަކުގެ ބާރާއެކު ބާއްވާ ރަށު ކޮލިފައިން ބުރު ކަމަށާއި، ރަސްމީކޮށް މުބާރާތް ފަށާނީ އެ ކޮލިފައިން ބުރަށް ފަހު ކަމަށެވެ.

ބައްސާމް ވިދާޅުވީ، މިހާރު ރޭވިފައި އޮތް ގޮތުން ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ދެޓީމު ކަމަށާއި، ނަމަވެސް އެކަމަށް ބަދަލުތަކެއް ގެންނަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ، ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގަށް ނުގެނެސް ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭންވެސް ވިސްނަމުން އަންނަ ކަމަށާއި، އެގޮތަށް ވިސްނަމުން އަންނަނީ ދިގު މުއްދަތެއްގައި ރަށްރަށުގެ ކްލަބްތަކަށް މާލޭގައި ކުޅެން އުނދަގޫތަކެއް ހުރީމަ ކަމަށެވެ.

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާއިރު، މި އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ މިނިވަން ޗެމްޕިއަންޝިޕް ނުބާއްވަން ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close