ޚަބަރު

މިލަދެކުނު އަދަބީ އީދުގެ ނިންމުގެ ރަސްމިއްޔާތު ރޭ ބާއްވައިފި

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ނ. މަނަދޫގައި ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ “މިލަދެކުނު އަދަބީއީދު”ގެ ނިންމުމުގެ ރަސްމިއްޔާތު ރޭބާއްވައިފިއެވެ.

ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވުމަށް ބޭއްވި މިލަދެކުނު ޢަދަބީ އީދުގެ

ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ނ. އަތޮޅުގެ 10 ރަށެއްގެ 10 ސްކޫލަކުން 200 އަށްވުރެ ގިނަ ދަރިވަރުންނާއި އާންމުންގެ ތެރެއިން 19 މީހުން ބައިވެރިވި އަދަބީ އީދުގައި ކުރިއަށްގްންދިޔަ ތަފާތުގެ އަދަބީ ޙަރަކާތްތަކުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށާއި، ސްކޫލްތަކަށް ރޭ އިނާމު ޙަވާލުކުރެވުނުއިރު އަދަބީ އީދުގެ އެންމެ ޝަރަފްވެރި އިނާމް ރަންތަރި ލިބުނީ ނ.ޅޮހި ސްކޫލާއި، މިލަދޫ ހިދާޔާ ސްކޫލަށެވެ.

އަދަބީ ޢީދުގެ ރަން ވަނަތައް ހާސިލްކުރި ދަރިވަރުންނަށާއި ސްކޫލްތަކަށް ހަނދަނީ ފިލައާއި ތަރި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި އަދަބީ ޢީދުން ވަނަ ވަނައަށް އައި ފަރާތްތަކަށްވަނީ ހަނދާނާއި ޝަރަފްގެ ހެކި ވެދުންކޮށްފައެވެ.

މި އަދަބީ ޢީދުގައި މުޅި މުބާރާތުގެ ހަގު ޢުމުރުފުރާއިން ސުވާސާ ތަރިއާއި، ދޮށީ އުމުރުފުރައިގެ ސްވާސާ ތަރި ހާސިލްކޮށްފައިވަނީ ނ.ހޮޅުދޫ މޭނާ ސްކޫލެވެ. އަދި ހަގު ޢުމުރުފުރައިން ރިހި ތަރި ޙާސިލްކޮށްފައިވަނީ ނ.މާޅެންދޫ ސްކޫލެވެ. އަދި ދޮށީ ޢުމުރުފުރައިން ރިހި ތަރި ޙާސިލްކޮށްފައިވަނީ ނ.ޅޮހި ސްކޫލެވެ.

ހަގު ޢުމުރުފުރައިން އެންމެ ޝަރަފްވެރި ރަން ތަރި ޙާސިލުކޮށްފައިވަނީ ނ.ޅޮހި ސްކޫލެވެ. އަދި ދޮށީ ޢުމުރުފުރައިން ރަންތަރި ޙާސިލުކޮށްފައިވަނީ ނ.މިލަދޫ ހިދާޔާ ސްކޫލެވެ.

އަދަބީ ޢީދު ނިމުން ފާހަގަކުރުމަށް މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޢަޝްރަފް ޢަލީ ވިދާޅުވީ، އަދަބިއްޔާތު ކުރިއަރާނީ މާދަރީ ބަހަށް އިސްކަން ދީގެންކަމަށެވެ. ނަމަވެސް މާދަރީ ބަހަށް ސަމާލުކަން ދިނުން މިހާރު ނުފެންނަކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، އެކަންކަން ބަދަލުކުރެވޭނީ މިފަދަ އަދަބީ ޢީދުފަދަ އަދަބިއްޔާތައް އިސްކަންދޭ މުބާރާތްތައްވެސް ބާއްވައިގެންކަމަށެވެ.

އަޝްވަރަފް ވަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ކުރިއަށްގެންދާ އަދަބީ ޢީދު ޤައުމީ ފެންވަރުގައި ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

“މި ސަރުކާރުން އަދަބިއްޔާތާއި ޘަޤާފަތަށް ވަނީ ޚާއްޞަ ވުޒާރާއެއް އުފައްދަވާފައި. ދިވެހި ބަހާއި ތަރިކައާއި ޘަޤާފަތަށް އިސްކަންދިނުމަށާއި ކުރިއަރުވަން މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ.” އަޝްރަފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ދެއްކެވި ވާހަކަފުޅުގައި ވަނީ މީގެ ބާރަ އަހަރުކުރިން އެކަމަނާއާއި، އެނޫންވެސް އަދަބިއްޔާތަށް ލޯބިކުރައްވާ ބޭބޭފުޅުން ދިވެހި ބަހަށާއި އަދަބިއްޔާއައް ޚިދުމަތް ކުރެއްވިކަން ފާހަގަކުރައްވާ، ފާއިތުވި ތަނުގައި އެފަދަ ކަންކަމަށް އިސްކަން ނުދޭ މިންވަރަށް މި ސަރުކާރުން އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަށް ޚާއްޞަ ވުޒާރާއެއް އުފައްދަވާ ސަޤާފީ ތަރިކައަށް ޚާއްޞަ ޤާނޫނެއް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“އަމިއްލަވަންތަކަން ރައްކާކުރެވޭނީ އަޅުގަނޑުމެންގެ ޅަދަރީންނަށް ބަހާ އާދަކާދައާއި ބަހުރުވަ އުގަންނައިދީގެން. އެހެން ބަހަކުން ތަޢުލީމް ހާސިލްކޮށްދިންނަމަވެސް ދިވެހި ބަހުން މުޢާމަލާތް ކުރަން ދަރިވަރުންނަށް ފުރުޞަތު ދީގެން ބަހުގެ ހުނަރުތައް ކުރިއެރުވޭނީ.” މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްކުރެއްވި ދެބޭފުޅަކަށް ޝަރަފްގެ ފިލާ އަރުވާފައެވެ. އަދި މަނަދޫ އަބޫބަކުރުގެ ޅެން ފޮތާއި، އަދަބީ ރިވެރިވެސް ވަނީ މި ރަސްމިއްޔާތުގައި ނެރެފައެވެ.

އަދަބީ ޢީދުގެ ހަވަނަ އީދު އަންނަ އަހަރު ބާއްވާނީ ޏ.ފުވައްމުލަކުގައިކަން މި ރަސްމިއްޔާތުގައިވަނީ އިޢުލާންކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close