ވާހަކަ

ބާރުގަދަ ދިހަ މީހުން ވަޅުލި ވާހަކަ

މިއީ ބޮޑުތަދު ޒަމާނުގައި ނ.ލަންދޫގައި ހިނގާފައިވާ ކަމަށް ތުންތުން މަތިން ކިޔެމުން އަންނަ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

      ރަށުގެ މަލަ މަތިން ދައްކާލި އިރުގެ ރަން ކުލަވަރާއެކު ރަށުގެ އަންހެންވެރިން ގޭގެއިން ނިކުންނަތަން ފެނެއެވެ. ލަންދޫގެ މާދުބުގެ އަވަށުގައި ދިރިއުޅޭ ކޮންމެ އަންހެނަކުވެސް،  އެމީހެއްގެ ގޭގެ ދޮރުމަތި ކުނިކަހަން ތައްޔާރުވަނީއެވެ. އާދަނުވެސް ފަތިސް ނަމާދުކޮށްގެން މިސްކިތުގައި ޤުރުއާން ކިޔަވާލަން އިނދެފައި ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އާދަނަކީ ރާވެރިއެކެވެ. އޭނާ ރާކުރަން ދާ ވަގުތު ކުޑަތަންވަނީއެވެ. ގެއަށްވަދެ ލައިގެން ހުރި އަންނައުނު ބަދަލުކޮށްލިއެވެ. އަދި ބަދިގެ ފަރާތަށް ދަމުން ” ދޮންކަބުލޯ” އޭ ކިޔާ ގޮވާލިއެވެ.

“ހުންނާނެ ކަޅުސައި ގިރާފަ.. ޑަބިޔަލުން ފާރޮށި ކޮޅެއް ނަގާ” އާދަނުގެ އަންހެނުން ދޮންކަބުލޮ ކުނިކަހަން އޮވެފައި އާދަނަށް އިވޭވަރަށް ބުންޏެވެ.

  ކޮންމެއަކަސް އާދަނު ވަރަށް ހަމަޖެހިލާފައި ސައިބޯން އިށީނެވެ. ކުއްލިއަކަށް އަވަށުތެރޭގައި ބަޔަކު މީހުން މާ ބާރަކަށް ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ. ހައިރާން ކަމާއެކު އާދަނު ގޭގެ އިންފާރުން ނިކުމެ މަގުމައްޗަށް ބަލައިލިއެވެ. އޭރު މާބުދުގެ ކައިރީގައި ރަށުގެ ފިރިހެންވެރިން އެއްވެފައި އޮތެވެ. ދުރުގައި ބަލާކަށް ނުހުރެ އާދަނުވެސް ގޮސް ވަނީ މީހުންތަކުގެ ތެރެއަށެވެ. އޭރު ރަށުގެ ކަތީބު އެންމެނާއި ކޮންމެވެސް ވާހަކައެއް ދައްކައެވެ.

ގުޅުންހުރި ލިޔުންތައް

ކަތީބު: ” ދާދި ދެންމެއަކު މާލެއިން ޚަބަރެއް ލިބިއްޖެ. ރަދުންގެ އަމުރަށް ކޮންމެ ރަށަކުންވެސް އެންމެ ބާރުގަދަ 10 މީހުން މާލެ ގެންދިއުމަށް އަންގަވައިފި.” ނިކަން ހާސްވެ މާނޭވާ ލަމުން ހުރެ ބުންޏެވެ.

ރަށުގެ އެންމެ ބާރުގަދަކަމަށް ނަންކިޔާ މީހާ: ” ކޮބާ ބޭނުމަކީ؟” ނިކަން ޖެހިލުންކުޑަ ގޮތަކަށް ސުވާލުކުރިއެވެ.

ކަތީބު: ” ބޭނުމަކީ ކޮބައިކަމެއް ނޭނގޭ.. މަށަށް އެނގުނު އެއްޗެއް އެނގުނު މިންވަރަކަށް މި ކިޔަނީ.. ކަތީބު އެއްވެފައި ތިބި މީހުންގެ މޫނަށް ބަލަން ހުރެ އަވަސް ރާގެއްގައި ބުންޏެވެ.

އާދަނު: ” ތިޔަ ބުނާ 10 މީހުންގެ ލިސްޓުގައި އަހަރެންވެސް ހިމެނޭނެ ތޯ؟” އާދަނު ނިކަން ޖޯޝުގައި ބުންޏެވެ.

 އާދަނު ކަށަވަރުކުރަން ބޭނުންވީ އޭނާއަށްވެސް އެމީހުންނާއެކު މާލެ ދިއުމުގެ ފުރުޞަތު ލިބޭތޯއެވެ. އަނެއްކާވެސް ކަތީބުގެ އަޑު އިވުނެވެ.

ކަތީބު: “އަހަރެން ނަން މިކިޔާ ދިހަ މީހުން ކުރިއަށް ޖެހިލާ..” ކަތީބު އަތުގައިވާ ފިލައިގައި ފަހަރަކު މީހެއްގެ ނަން ލިޔަމުން ގެންދިޔައެވެ.

ކަތީބުގެ ލިސްޓުގައި އާދަނުގެ ނަމެއް ނުހިމެނުނެވެ. އާދަނުގެ ހަށިގަނޑުގެ ރޫފަ ރަނގަޅު ނޫންކަމަށް އަތުގެ އިޝާރާތުން ކަތީބު ދެއްކުމުން އާދަނު އެމީހުންގެ ތެރެއިން ކުޑަކޮށް ފޭވިއެވެ. އެކަމަކު ކަތީބު ކުރާކަމެއް ބެލުމުގެ ދަތިވެތިކަން އޭނާ ހިތުގައި އޮތެވެ.

އަސުރުން ފަސްވިތަނާ ކަތީބު އެބުނާ ރަށުގެ އެންމެ ބާރުގަދަ 10 މީހުން ގޮވައިގެން މާބުދުގެ އަވަށާއި ވަރަށް ދުރު ހިސާބަކަށް ހިނގައްޖެއެވެ. އަދި އެތަނުގައި ބޮޑު ވަޅުގަނޑެއް ކޮނުމަށް އެންގިއެވެ. މިހުރިހާ ކަމެއް ހިނގަމުންދާ ގޮތް ބަލަން ދުރުގައި ހުރި ނިކަގަހެއްގެ ނިވަލުގައި އާދަނު ފިލާހުއްޓެވެ. ދެތިން ގަޑިއިރުގެ ބުރަ މަސައްކަތަށްފަހު ވަޅުގަނޑެއް ކޮނެ ނިންމާލިއެވެ.

ކަތީބު: ” ކޮބާ ހުރިހާ މީހުން ވަޅުގަނޑުގެ ތެރެއަށް އެރޭ.” ކަތީބު ނިކަން ހަމަޖެހިލާފައި ބުންޏެވެ.

ބާރުގަދަ 10 މީހުންގެ ތެރެއިން އެކަކު : “ކަތީބު ތިޔަ ކުރައްވަން އުޅޭކަމެއް އަޅުގަނޑުމެން ކައިރީ ނިކަން ބުނެދީބަލަ؟” ކުޑަކޮށް ހާސްވެފައި ހުރެ ސުވާލުކުރިއެވެ.

ކަތީބު: ” މާ ވާހަކަ ގިނަ ނުކުރޭ. ކަލޭމެން މިވަޅުގަނޑުގެ ތެރެއަށް އެރުމުން އަހަރެން މަތިން އެއްޗެއް އަޅާ ފޮރުވާލާނަން. އަދި ކަލާމެން ކާނެ އެއްޗިއްސާއި ބޯފެން ދޭނަން. އޭރުން މާލެއިން އަންނަ މީހުންނަށް ކަލޭމެން ނުފެނި ސަލާމަތުން ތިޔަތާ ތިބެވޭނެ. އެމީހުން ރަށުން ފޭބުމުން އަހަރެން އަންނާނަން.” ކަތީބުގެ ސިކުނޑީގައި ރާވަފައިވާ ޕުލޭން ކިޔާލަދިނީ އެއް ނޭވައިންނެވެ.

ކަތީބުގެ އެދުމުގެ މަތިންނާއި ކުރިމަތިލާންޖެހޭނެ ބޮޑުކަމަކުން ސަލާމަތްވާން ބޭނުންވެފައި ތިބި މިންވަރުން، ކޮނެފައިވާ ވަޅުގަނޑަށް އެމީހުން އެރިއްޖެއެވެ. އެންމެފަހުން ކަތީބު ބުނިގޮތަށް ކަންކޮށްފައި އޭނާއެތަނުން ހިނގައްޖެއެވެ. އާދަނުވެސް ކަތީބުގެ ފަހަތުން ސިރުން ގެއަށް ދިޔައެވެ. 

ޖެހިގެން އައިދުވަހު މާލެއިން އައި ވަފުދުގެ މީހުން ރަށުތެރެ ބެލުމަށްފަހު ރަށުން ފުރައިންގެން ހިނގައްޖެއެވެ. އެމީހުންނަށް ރަށުން ގެންދާނެ އެއްވެސް ބާރުގަދަ މީހަކު ނުލިބުނެވެ. ކަތީބު އެކަމާ ނިކަން ފަރުޚުރުވެރިވިއެވެ. އަދި ވަރަށް އުފަލުންހުރެ ރަށުގެ މީސްތަކުން އެއްކުރިއެވެ.

ކަތީބު: ” ކަލޭމެންނަށް އެނގޭތަ؟ މިއަދު މިރަށުގެ ބާރުގަދަ ފިރިހެނުންތައް ސަލާމަތް މިވީ އަހަރެންގެ މޮޅު ބުއްދީގެ ސަބަބުން.. ” ކަތީބު ވަރަށް ފޮނިކަމާއެކު ގިރުވާން ކޮޅަށް ޖަހާލުމަށްފަހު ބުންޏެވެ.

އާދަނު: ” ތިޔަ ބުނާ މޮޅު ބުއްދިން ކުރި ކަމެއްގެ ނަތީޖާ ބަލަން އަހަރެމެން ބޭނުން. ” ނިކަން ނުރުހުންތެރި ރާގެއްގައި ކަތީބަށް އާދަނު ރައްދުދިނެވެ.

ކަތީބު: ” އަލާ.. އަވަހަށް ހިނގާ ދަމާ.. އަހަރެންގެ ފަހަތުން އާދެ..” ކަތީބު އަވަސް ފިޔަވަޅުތަކާއެކު ވަޅުގަނޑާއި ދިމާލަށް މިސްރާބު ޖެހިއެވެ. ރަށުގެ ގިނަ މީހުން ކަތީބުގެ ފަހަތުން މަންޒަރު ބަލަން ދިޔައެވެ.

ދުރު ރަސްތާއަކަށްފަހު ވަޅުގަނޑުގެ ކަރިއަށް ގޮސް އެމީހުންނަށް ގޮވަން ފެށިއެވެ. ” ކޮބާ އަވަހަށް ތެދުވޭ… އަލާ… މާލޭ މީހުންގެ ކިބައިން ކަލޭމެން ސަލާމަތް ވެއްޖެ.. ކޮބާ އަވަހަށް ތެދުވޭ.. އަވަސް ކުރޭ…” ކަތީބު ވަޅުގަނޑުގެ މަތިން އަޅާފައި އޮތް ފަތްތައް އެއްފަރާތްކޮށްލިއެވެ. އަދި ސަތަރިގަނޑު ހިއްލާލުމަށްފަހު އެތެރެ ބަލައިލިއެވެ. ކަމަކު ދާކަށް ނެތެވެ. ސަހަރޯއެވެ. ވަޅުގަނޑުގައި ދިރިހުރި އެއްވެސް ފުރާނައެއްނެތެވެ. “އިންނީއެކޭ” ކިޔާ އެންމެން ބިރުން ރޯން ފެށިއެވެ.

އެއްވެފައި ތިބި މީހުންގެ ނަފުރަތުގެ ބަސްތައް ކަތީބަށް އަމާޒުވީ އެހިސާބުންނެވެ.

 އާދަނު: “މިއީ ކަތީބުގެ މޮޅު ބުއްދިދޯ.. ބަޔަކު މީހުން ވަޅުގަނޑަކަށް ލާ ބަންދުކުރިއިރު އެމީހުންނަށް ނޭވާ ލެވޭނެ ގޮތެއް ހަދާކަށް ކަލޭގެ ބުއްދިއަކަށް ނޭނގުނުދޯ.. އެއްފަހަރުވެސް ކުރަން އުޅޭކަމެއް ބަޔަކާއި މަޝްވަރާކޮށް އެކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ހޯދިނަމަ މިދުވަސް ދެކޭކަށެއް ނުޖެހުނީސް. އޭ ސަހަރޯއެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެ. މަރުވެގެން އެދިޔައީ އެއްވެސް ކުށެއް ނެތް 10 ފުރާނަ..”

ކަތީބު ހުރީ ލިބުނު ހައިރާންކަމުގައި ބުދެއްހެން ހުއްޓުން އަރާފައެވެ. ކުރެވުނު މޮޔަކަންތައް ސިފަވަމުން ދިޔައީ ސިކުނޑީގެ ސްކުރީނުގައެވެ. އޭނާއަށް ކުރެވުނު ކުށަށް ތައުބާވި ނަމަވެސް އެކަމުގެ ހިތި އަސަރު ބަލާލި ކޮންމެ ދިމާލަކުން ތާ އަބަދު ފެންނަ ކަހަލައެވެ. (ނިމުނީ)

އެއް ކޮމެންޓް

  1. މިވާހަކަ އަކީ ތުންތުން މަތިން ދެކެވެމުން އަންނަ ވާހަކައަކަށްވާއިރު ކިހިނެއްބާ މީތި ހަޤީޤީވާހަކަ ވީ؟ އަޖައިބެއް

  2. މި ވާހަކަ ވަނީ ޔުނިވަރސިޓީގެ ލެކްޗަރާއެއް ކިޔާދީފައި. އޭނާ ކިޔައިދިން ގޮތާ ކުދަ ތަފާތެއް އެބަހުރި ، މަލާބާރީންނާ ހަނގުރާމަ ކުރުމަށް ބޮޑުރަސްގެފާނުގެ ރަސްކަމުގައި ބާރުހުރި މީހުން ހޯދަން ރަދުން ކުރެއްވި ދަތުރުގައި ލަންދޫއަށް ދާންއޮތް ދުވަހު މިކަން ކުރިކަމަށްވަނީ. ވަޅުގެ މަތީގައި ބަނބުކެޔޮ ފިލާއަޅައި މަތިން ހިކިވެލި ބުރުވާ މީހުންނަށް ނޭނގޭގޮތަށް އެތަން ހެދިކަމަށް ބުނުއްވީ. އަދި މަރުވެފައިތިބި މީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި ދަތްއަޅާފައި ކަމަށާއި ބައެއް މީހުން އަމިއްލަ ގައިގާވެސް ދަތްއަޅައިގެން ތިބި ކަމަށް ކިޔާ. އެއީ ހާސްވެގެން މަރުގެ ސަކަރާތުގައި ކުރެވިފައި ހުރި ކަންކަން ކަމަށް ލަފާކުރައްވާ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close