ރިޕޯޓް

ޝުޖާޢުއަށް އެހީއެއްދެއްވާ، ކޮންމެ ތިންމަހުން އެއްމަހު އިންޖެކްޝަނަކަށް އެކަނިވެސް އެގާރަހާސްރުފިޔާ ޚަރަދުވޭ!

ޢުމުރުން 30 އަހަރުގެ (ދަފްތަރު ނަމްބަރު ދރ 1140 ) އަޙްމަދު ސުޖާޢު އަކީ ގޮތްނޭންގޭ ބޮޑުބައްޔަކަށް ފަރުވާކުރަމުންދާ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީވެސް ދިރިއުޅުމުގައި ގިނަކަންތައްތަކެއް ތަޙައްމަލް ކުރަމުންދާ ބަލިމީހެކެވެ. ކުޑައިރުންސުރެ ލޭގައި އިންފެކްޝަން އުފެދި ހަށިގަނޑުގައި އެކި ގުނަވަންތައް ދުޅަވެއެވެ. މިގޮތުން ގައިގައި ރިއްސާ ހަށިގަނޑުގައި ބިހިތައްނަގާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވެފައިވަނީ އެއީ ހަށިގަނޑުގައި އުފެދޭ ޖަރާސީމެއްގެ ސަބަބުން ވާކަންތަކެއްކަމަށެވެ. އަދި މިގޮތަށް ދުވަސްތަކެއް ހޭދަކުރަމުން ގޮސް ވޭތުވެދިޔަ ފަސްވަރަކަށް މަސްތެރޭގައި ވަނީ އާދަޔާޚިލާފް ކަންތައްތަކެއް ފާހަގަ ކުރެވިފައެވެ.

ސުޖާއުގެ އަންހެނުން ބުނީ މިފަހަކަށް އައިސް އަޙުމަދު ސުޖާއުގެ ބަނޑުގައި ރިއްސާ ދެފައިތިލައާއި ދެއަތް އައްސިވެ ދުޅަވާކަމަށާއި އަދި ނޭވާލާން އުދަގޫވެ މޭގައިރިއްސާ އާދަޔާޙިލާފަށް ބޮލުގައި ރިއްސާ ލޯދުޅަވުމާ ހާސްވާކަން ފާހަގަ ކުރެވޭކަމަށެވެ. އޭނާގެ އަންހެނުން އަޙުމަދު ސުޖާއުގެ ބަލި ޙާލަތު ޙިއްސާކުރަމުން ބުނީ ބަނޑުގައި ރިއްސާ ބޯއަނބުރާ ނޭވާލާން އުދަގޫ ވާކަމަށާއި އަދި ޑޮކްޓަރ ދެއްކުމުން ޑޮކްޓަރ އޭރު ބުނަމުންދިޔައީ އެއީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އެހެންނަމަވެސް މި ދެމަސްތެރޭގައި މާބޮޑަށް އަޙުމަދު ސުޖާއު ބަލިވުމުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓުތައްހެދިކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ޓެސްޓް ތަކުން، މިވަނީ ކިހިނެއް ކަމެއް އެގިފައެއް ނުވެއެވެ. އަދި އެދެވޭ ނަތީޖާއެއް ލބިފައެއް ނުވެއެވެ. ކޮންމެ ފަހަރަކުވެސް ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރ ދެނީ ޕޭއިންކިލާ އިންޖެކްޝަންތަކާއި ބޭސްތައް ކަމަށް އޭނާ ބުންޏެވެ.

“ފަހަކަށް އައިސް މާގަދައަށް ބޮލުގައި ރިއްސާތީ އައިޖީއެމްއެޗުން ޓެސްޓްތައް ހަދާ، އެމް.އާރު.އައި އަދި ސީޓީ ސްކޭން ހެދިން. މައިބަދާގައި ފެންއުފެދި ބޮލާއި ސިކުޑީގައި ލޭގަނޑުވެފައި ކަންވެސް އެނގުނީ އޭގެ ފަހުން. އެހެން ނަމަވެސް އަތާ، ފައި އައްސިވެ ދުޅަވަނީ ކީއްވެކަމެއް އެނގިފައެއް ނުވޭ. މާރޗް މަހު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ސުޖާއުގެ ބަނޑުގައި ރިއްސާ ނޭވާލާން އުދަގޫވެ ހާސްވާތީ ޑޮކްޓަރަށް ދެއްކިން. ނަމަވެސް މާލެއައިސް ދެދުވަސް ނުވަނީސް އަނެއްކާ ނޭވާލާން އުދަގޫވެ، ބޮލުގައި ރިއްސާ ހާސްވެ، ދެއަތާ ދެފައި އައްސިވެ މީހާ ދުޅަވާން ފެށީ. ކޮންމެ ދުވަހަކުވެސް ނޭވާލާން އުދަގޫވެ، ހާސްވެ ބޮލުގައި ރިއްސާތީ ދާންމިޖެހެނީ ހޮސްޕިޓަލަށް. ހޮސްޕިޓަލަށްގޮސް ޑޮކްޓަރަށް ދެއްކީމާ ޑޮކްޓަރުން މިދެނީ އެންޓިބައޮޓިކް ފަދަ ބޭސްތައް. މިހާރަކަށް އައިސް އެންޓި ބައޮޓިކް ބޭހަށް ފިރިމީހާ އާއި ނުވެސް ގުޅޭ. އަދި އަޅުގަނޑުގެ ފިރިމީހާ އަޙުމަދު ސުޖާއު ކޮންމެ ދުވަހަކު ނޭވާހާސްވެ ބޮލުގައި ރިއްސާ މެޔަށްވެސް ވަރަށް އުނދަގޫވޭ.” އޭނާގެ އަންހެނުން ކިޔައިދިނެވެ.

ސުޖާއުގެ އަންހެނުން ބުނީ ކޮންމެދުވަހަކުވެސް ބޮލުގައި ރިއްސާ ނޭވާ ހާސްވެ، މެއަށް ތަދުވެގެން ދިއުމުން، އީ.ސީ.ޖީ ހަދާފައި އެއްވެސް މައްސަލައެއް ނެއްކަމަށްބުނެ ގެއަށް ފޮނުވާލަނީ ކަމަށެވެ.

“މިހެން ކަންތައް ކުރާތީވެ އަޅުގަނޑު ނިންމީ އަޅުގަނޑު ފިރިމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ދެއްކުމަށް. އަޅުގަނޑުގެ ފިރިމީހާ އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓް ތައް ހަދަން ބުނީ، ޓެސްޓްތައް ހެދުމުން އެނގުނީ އަޅުގަނޑުގެ ފިރިމީހާގެ ލިވާގެ މައްސަލަ ހުރިކަން އަދި ޑޮކްޓަރުން ލަފާ ދިނީ ލިވާގެބައެއް ޓެސްޓްތަކަކީ ރާއްޖެއިން ނެހެދޭ ޓެސްޓް ތަކެއްކަމަށާއި ނާރުގެ ބައެއް ޓެސްތުތައްވެސް ރާއްޖެއިން ނެހެދޭ ކަމަށް. އަޅުގަނޑުގެ ފިރިމީހާގެ ބަލިދެނެ ގަތުމަށްޓަކާ ޑޮކްޓަރުންވަނީ ރާއްޖެއިން ބޭރަށް ދިޔުމަށް ލަފާދީފަ.” އޭނާގެ އަންހެނުން ބުންޏެވެ.

ސުޖާއުގެ ނާރުގެ ޓެސްޓްތަކާއި ލިވާގެ ޓެސްޓުވެސް ހަދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށްބުނެ، ޑޮކްޓަރުންވަނީ އެކަމަށް ލަފާ ދީފައެވެ. އަދި މިކަން ކުރުމަށް އާސަންދަވެސް ވަނީ ހަމަޖެހިފައެވެ.

“ނަމަވެސް އަޅުގަނޑުގެ ފިރިމީހާއަށް ރާއްޖެއިން ބޭރަށް ބޭސްކުރުމަށް ވަނީ ކިހާދުވަހެއްކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަކީ އަޅުގަނޑުގެ ފިރިމީހާއަށް ލިބޭ އެއްޗަކުން ދިރިއުޅެމުން އާއިލާއެއް ބަލަހައްޓަމުން ދާމީހެއް. އަޅުގަނޑުގެ ފިރިމީހާގެ ބަލި ހާލަތު ހުރި ގޮތުން ރަނގަޅަށް ވަޒީފާ އަދައެއް ނުކުރެވޭ. އެހެންވީމަ، އަޅުގަނޑުގެ ފިރިމީހާގެ މުސާރަވެސް ކޮންމެ މަހަކު ހަމަޔަކަށް ނުލިބޭ. ގިނަދުވަހު ވަޒީފާއަށް ނުދެވި އޮންނަޖެހިފައިވަނީ ބަލިއެދުގައި. މިބަލީގަ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖެނަމަ ފުރާނައަށް ގެއްލުންވުން އެކަށީގެންވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައި.” ސުޖާއުގެ އަންހެނުން ބުންޏެވެ.

ސުޖާއުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދާން އޭނާ އަށް ވަނީ މަޖުބޫރު ވެފައެވެ. އެހެންނަމަވެސް ރާއްޖޭން ބޭރުގައި ވެސް ތިބުމާއި، ކެއުމުގެ ޚަރަދުތައް ހަމަޖެއްސުމާއި، މިކަންކަން ކުރުމަށް އޭނާ ވަނީ ތިޔަ އެންމެހާ ބޭފުޅުންގެ އެހީއަށް ބޭނުންވެފައެވެ. ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ތެރެއިން ހަމަޖެހިފައި އޮތް ކަމުގައި ވީ ނަމަވެސް، ފުރެން އަންނަނީ، އިތުރު އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން ސުޖާއުގެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަން މިކަމުގައި ވެދެއްވުމެވެ.

އެގޮތުން ސުޖާއަށް ފައިސާގެ އެހީތެރިކަން ވެ ދެއްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޖަމާކޮށްދެއްވުމަށް އޭނާގެ އާއިލާއިން އެދެއެވެ.

އެކައުންޓް ނަން: ޝަރުމީލާ އާދަމް

އެކައުންޓް ނަމްބަރ (ރުފިޔާ): 7704441020101

ގުޅޭނެ ނަމްބަރ: 9818778 ޝަރުމީލާ އާދަމް ( ސުޖާއުގެ އަންހެނުން )

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ދުނިޔެމަތީގައި ޙާޖަތެއް ޖެހިފައިވާ މީހެއްގެ އެ ޙާޖަތް ފުއްދައިދީފި މީހަކަށް ޤިޔާމަތްދުވަހުން އެފަދަ އެތައް ކަމަކުން އެމީހަކު ސަލާމަތް ކޮށްދެއްވާހުއްޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close