ސާއިދު ފައިނަލަށް ދަތުރުކޮށްފި
ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރުކޮށްފި އެވެ.
ސާއިދު ފައިނަލަށް ދަތުރުކުރީ މިއަދު އޭނާ ދުވި ހީޓުގެ ދެވަނަ ހޯދައިގެންނެވެ.
ފައިނަލްގައި ސާއިދު ދުވާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:55 ގައެވެ. 2015 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ހަމައެކަނި ރަން މެޑަލް ހޯދައިދިނީ ސާއިދެވެ. ސާއިދު ވަނީ އެފަހަރު 100 މީޓަރު ދުވުމުން ރން މެޑަލް ހޯދާފައެވެ. އަދި އެފަހަރުގެ ގޭމްސްގެ 200 މީޓަރު ދުވުމުން ވެސް ރާއްޖެއަށް ރިހި މެޑަލް ހޯދާދީފައެވެ.
މިފަހަރުގެ ގޭމްސްގެ ފައިނަލަށް ސާއިދު ދަތުރުކުރިއިރު، އަންހެން 100 މީޓަރު ދުވުމުގައި ރާއްޖެއިން ވާދަކުރި ދެ އެތުލީޓުން ވަނީ ފައިނަލަށް ނުގޮސް ކަޓާފައެވެ.

