ޚަބަރު

އުރުދުންގައިވެސް ޕަބްޖީ މަނާކޮށްފި

އިޖްތިމާޢީ އެތައް މައްސަލަތަކެއް ބޮޑުވެ ، ޢާއިލީ ގުޅުންތައްވެސް ކެނޑި ޢާއްމު ދިރިއުޅުމާއި، އުނގެނުމާއި، އުނގަންނައި ދިނުމާއި، އަދި މަސައްކަތުގެ މާހައުލުގައިވެސް ޕަބްޖީގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާކަމަށްބުނެ އުރުދުންގައިވެސް ޕަބްޖީ މަނާކޮށްފިއެވެ.

ދުނިޔޭގައި މިހާރު އެންމެ މަޝްހޫރު މޮބައިލް ގޭމް، ޕަބްޖީ އުރުދުންގައި މަނާކޮށްފައިވާއިރު އެޤައުމުގައި އެ ގޭމްގެ މަޤްބޫލުކަން ބޮޑުވެ، ބައެއް މުއަސާސަތާކުން އެކަމާ ގުޅިގެން ކަންބޮޑުވުންވެސް ވަނީ ފާޅުކޮށްފައެވެ.

އުރުދުންގައި ޕަބްޖީ މަނާކުރުމުން ބައެއް ޒުވާނުންވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން ޕަބްޖީއަކީ ގިނަ ބަޔަކު އެއްތަންކޮށް، ގުޅުން ބަދަހިވެގެންދާ ގޭމެއްކަމަށް ބައެއް މީހުން ބުންޏެވެ. ނަމަވެސް އުރުދުންގެ ބައެއް ހަރު މީހުން ބުނާގޮތުން އެ ގޭމް ސަބަބުން އާއިލީ ގުޅުމަށް ވަނީ ބުރޫ އަރާފައެވެ. އެހެން ބައެއް މީހުން ބުނީ ޕަބްޖީއަކީ ބޮޑެތި މީހުންނަށް އެކަށީގެންވާ ގޭމެއް ނަމަވެސް، އެގޭމަކީ ކުޑަކުދިންނަށް އެކަށީގެންވާ ގޭމެއް ނޫންކަމަށެވެ.

އުރުދުންގައި ޕަބްޖީ މަނާކޮށްފައިވާއިރު، އިންޑިއާގެ ގުޖުރާތު، ނޭޕާލް، ޢިރާޤް އަދި އިންޑޮނޭޝިޔާގެ އާޗޭގައިވެސް ޕަބްޖީ ވަނީ މަނާކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުކަން ހޯދަމުން އަންނަ ޕަބްޖީ ގޭމަށް މިދިޔަ އަހަރުވެސް ވަނީ ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ސައުތު ކޮރެއާގެ ކުންފުންޏަކުން ޕަބްޖީ ގޭމް 2017 ވަނަ އަހަރު ލޯންޗްކުރި ފަހުން މިހާތަނަށް ވަނީ އެ ގޭމް 100 މިލިއަނަށް ވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close