ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގައި ހުރި ފަލަސްޠީނުގެ ޕެވިލިއަންއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސް އެވެ.
އެ އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަލަސްޠީނުގެ ރައްޔިތުންނާއި ފަލަސްޠީނުގެ އެކި ކަންކަން ދެނެގަނެ އިޙްޞާސްކޮށްލެވޭ ފަދަ ގޮތަކަށެވެ.
މީގެ މައިގަނޑު ބޭނުމަކީ ފަލަސްތީނާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭގޮތް ބަދަލުކޮށް، މުޅިން އައު ނަޒަރިއްޔާއަކުން އެޤައުމާ މެދު ދުށުމަށް މަގުފަހިކުރުމެވެ.
ދުބާއީ އެކްސްޕޯ 2020ގެ ތީމަކީ “ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ” އެވެ. އަދި މި ތީމު ބިނާވެފައި ވަނީ ދެމެހެއްޓެނިވިކަމާއި، އީޖާދީކަން އަދި ދުނިޔޭގެ ކަންކޮޅުތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. މި އެކްސްޕޯގައި ދުނިޔޭގެ 192 ޤައުމަކުން ބައިވެރިވެއެވެ.
ރައީސް ޞާލިޙް ވަނީ ޔޫ.އޭ.އީގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައި އެތަން ވެސް ބައްލަވާލައްވާފައެވެ.
ރައީސް ޞާލިޙް ވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ފުޅުވެސް ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ވިދާޅުވެފަ ވެއެވެ.



