ގޯއްޗާއި ފްލެޓަށް ކުރިމަތިލުން އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލަން އޮތް ފުރުސަތު، އަންނަ އާދީއްތަ ދުވަހަށް ހައުސިން މިނިސްޓްރީން ފަސްކޮށްފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލު ގެނައީ ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ބެލެވޭތީއާއި، ބަންދު ދުވަސްތަކާ ދިމާވުމުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީއެވެ. އެހެންކަމުން، “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށް މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ފޯމު ހުށަހެޅޭނެއެވެ.
މި ފުރުސަތު ކުރިންވެސް ފަސްކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ހޯއްދެވި ޚިޔާލުތަކާ އެއްގޮތަށް އުސޫލުތަކަށް ބައެއް އިސްލާޙުތައް ގެނައުމަށެވެ. ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޮންމެ މީހަކަށްވެސް ފޯމު ހުށަހެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމެއްގެ އެއް ކެޓަގަރީއަކަށެވެ.
މި މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންގެ އިތުރުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށާއި، ބިން ތަރައްޤީ ކުރަން ދަތިވާ ހަނި ގޯޅިތަކުގައި ދިރިއުޅޭ ފަރާތްތައްވެސް ހިމެނެއެވެ.


