ވިއްސާރައާ ގުޅިގެން ކުރިމަތިވާ ކަންކަން މޮނިޓަރކުރުމަށް ޚާއްސަ ޓާސްކް ފޯހެއް އުފައްދަވައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިމަތިވާ ކަންކަން މޮނިޓަރކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ޓާސްކް ފޯސް އުފައްދަވާފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައެވެ.
ޓާސްކް ފޯހުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު، މި ޓާސްކްފޯސް ޗެއަރ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވަނީ:
1- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
2-ޢަލީ އިޙްސާން – މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
3-ޑރ. އިސްމާޢީލް ޝަފީޢު – މިނިސްޓަރ އޮފް އެޑިޔުކޭޝަން
4-ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް
5-ޠާރިޤް އިބްރާހީމް – މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
6-އާދަމް ޝަރީފް ޢުމަރު – މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
7-ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
8-ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
9-ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
މިދިޔަ 24 ގަޑިއިރަކީ މި ވޭތުވެދިޔަ 9 އަހަރުތެރޭގައި ރާއްޖެއަށް އެންމެ ބޯކޮށް ވާރެވެހުނުކަމަށް ރެކޯޑްކޮށްފައިވާ 24 ގަޑިއިރެވެ. މި ވިއްސާރައިގައި މާލެއާއި ރާއްޖޭގެ ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި، އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ. އަދި އެކަންކަމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުއައްސަސާތަކުންނާއި އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައްވެސް ދަނީ އަޅުއްވަމުންނެވެ.

