ޓެކްނޮލޮޖީ

ވާވޭގެ އާ އޯއެސް “ހޮންގމެންގ” އެންޑްރޮއިޑަށްވުރެ މާބޮޑަށްވެސް ހަލުވިވާނެ!

ވާވޭގެ އާ އޯއެސް “ހޮންގމެންގ” އެންޑްރޮއިޑަށްވުރެ މާބޮޑަށްވެސް ހަލުވިވާނެކަމަށް ވާވޭއިން ބުނެފިއެވެ. އެމެރިކާއަށް ނުރައްކާވާކަމަށްބުނެ ވާވޭއާއެކު އެމެރިކާގެ ކުންފުނިތަކުން ވިޔަފާރީގެ މުއާމަލާތައް ކުރުން މަނާކުރުމުން ވާވޭއިން ދެން ނެރޭ ފޯނުތަކުގައި އެންޑްރޮއިޑް ބޭނުމެއް ނުކުރާގޮތަށް ވަނީ ނިންމާފައެވެ. ދެން ވާވޭގެ ފޯނުތަކުގައި ބޭނުންކުރާނީ އެމީހުންގެ އަމިއްލަ އޯއެސް ކަމަށްވާ ހޮންގމެންގ އޯއެސް އެވެ.

ވާވޭއިން ބުނެފައިވަނީ މިކަހަލަ ދަނޑިވަޅެއް މެދުވެރިވެދާނެކަމަށް ބަލައި ދުރާލާ އެމީހުން ވަނީ ތައްޔާރުވެފައެވެ. 2012 ހިސާބުގައި މިއޯއެސް ތަރައްޤީކުރަން ވަނީ ފަށާފައެވެ.

ޗައިނާގެ އެހެން ކުންފުނިތަކުންވެސް ވާވޭއަށް އެއްބާރުލުން ދީ ހޮންގމެންގ އޯއެސް ޓެސްޓްކުރަމުންދާކަމަށް ޗައިނާގެ ގްލޯބަލް ޓައިމްސްގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ޝޯމީ، އޮޕޯ، ވީވޯ ފަދަ ކުންފުނިތައްވެސް ހިމެނެއެވެ. ވާވޭއާ މެދު ކަންތައްކުރިގޮތަށް މި ކުންފުނިތަކާމެދުވެސް އެމެރިކާއިން ކަންތައްކޮށްފާނެތީ ދުރާލާ މިކަމަށް ތައްޔާރުވުމަށާ ވާވޭއަށް އެހީތެރިވުމަށް މިކުންފުނިތަކުން ބޭނުންވެއެވެ. އަދި މިއޯއެސްއަކީ އެންޑްރޮއިޑާ ވާދަކުރެވޭވަރުގެ ފުރިހަމަ އޯއެސްއަކަށް ހެދުމަށް މަސައްކަތްކުރަމުންދެއެވެ.

ވާވޭގެ މޭޓް 30 ނުވަތަ ޕީ40 ލޯންޗުކުރާނީ އެމީހުންގެ އާ އޯއެސްއާއެކުގައިކަމަށްވެއެވެ. ވަރަށް އަވަހަށް މިއޯއެސް ލޯންޗުކުރުމަށް މަސައްކަތްކުރަމުންދާއިރު މިއޯއެސްގެ މާގިނަ މަޢުލޫމާތުތަކެއް އަދި ހާމައެއް ނުކުރެއެވެ. އެންޑްރޮެއިޑްގެ އެޕްލިކޭޝަންތައް މި އޯއެސްގައި މަސައްކަތްކުރާނެކަމަށްވެސް ބުނެއެވެ.

އެންޑްރޮއިޑް އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ޗައިނާގެ ކުންފުނިތަކުންނެވެ. ޗައިނާގެ ސްމާޓްފޯނުތަކުގެ 98% އަކީ އެންޑްރޮއިޑް ފޯނުތަކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close