ގޫގުލް ޑިކްޝަނަރީ ، ވަރަށް ސަޅި (އެކްސްޓެންޝަން) އެއް!
ތަފާތު ބާވަތްބާވަތުގެ އިންޓަރނެޓް ބްރައުޒާތައް ފަސޭހަކަމާއެކު އޮންލައިންކޮށް ހިލޭ ލިބެންހުރެއެވެ. އެކިމީހުން ބޭނުންކުރާނީ އެކި ބްރައުޒާއެވެ. ދުނިޔޭގެ އެންމެ ގިނަބަޔަކު އަދިވެސް މައިކްރޯސްފްޓްގެ ބްރައުޒާ ބޭނުންކުރިނަމަވެސް އެންމެގިނަ ފަސޭހަތައް އަބަދުވެސް ލިބެންހުރީ ގޫގުލްގެ ކްރޯމް އިންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މިއޮތީ އޭގެ އެއްފަސޭހައެކެވެ. މިފަދަ ބައިވަރު ފަސޭހަތައް ލިބެން އެބަހުއްޓެވެ. ކްރޯމް ސްޓޯރަށްވަދެ ސަރޗް ކޮށްލާށެވެ.
2009 ގައި ގޫގުލްއިން ލޯންޗް ކުރި ގޫގުލް ޑިކްޝަނަރީ ( އެކްސްޓެންޝަން ) އަކީ އަދި މިހާތަނަށް ދިވެހިންގެ މެދުގައި މާބޮޑު މަޝްހޫރުކަމެއް ލިބިފައި ނުވާ އެއްޗަކަށް ވީނަމަވެސް ދުނިޔޭގެ ނިސްބަތުން ގިނަބަޔަކު ބޭނުންކުރަމުން އަންނަ ފަސޭހަ ވަސީލަތެކެވެ. އެކިދުވަސް މަތިން އެކިކަހަލަ އަޕްޑޭޓްސްތައް މި އެކްސްޓެންޝަން އަށް އައިސް މިއަދު މިވަނީ ވަރަށް ބޮޑަށް އަޕްޑޭޓްވެފައެވެ. މިހާރު މިއޮތީ މީތި ބޭނުންކުރަންވީ ވަގުތު އައިސްފައޭ ދެންނެވިދާނެއެވެ.
ގޫގުލް ޑިކްޝަނަރީ ( އެކްސްޓެންޝަން ) އަކީ ގޫގުލް ކްރޯމް އަށް ޚާއްޞަކޮށްގެން ހަދާފައިވާ އެކްސްޓެންޝަންއެކެވެ. ނަމަވެސް ފަޔަފޮކްސްގައި ވެސް މީތި މަސައްކަތް ކޮށްފާނެއެވެ. ފަޔަފޮކްސް ބްރައުޒާ ފަރުމާކޮށްފައިވަނީ ގޫގުލްގެ މިފަދަ ގިނަ އެކްސްޓެންޝަންތައް މަސައްކަތްކުރާ ގޮތަށެވެ.
ގޫގުލް ޑިކްޝަނަރީ ( އެކްސްޓެންޝަން ) ގެ ފަސޭހަކަމަކީ ލިޔުމެއް ކިޔަމުން ދާއިރު ފަސޭހަކަމާއެކު މާނަހޯދާލުމެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ ޑިކްޝަނަރީ އާއި ވަރަށް ރައްޓެހިބަޔަކަށްވާއިރު ކިޔަމުންދާ އާޓިކަލްގައި އޮންނަ ބަހުގެ މާނަ ހޯދާލުމަށް ބޭނުންވެއްޖެނަމަ އެބަހެއް ސެލެކްޓް ކޮށްލުމަށްފަހު ޑަބަލް ކްލިކް ކޮށްލުމުން ޕޮޕް އަޕް ބަބުލް އެއްގެ ގޮތުގައި ވަގުތުން އޭގެ މާނަ ފެންނާނެއެވެ. މާނަހޯދާކަށް އިތުރު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އަދި އެންމެ ފަސޭހަ އަނެއްކަމަކީ ބޭނުން ބަހަކުން ތަރުޖަމާ ބަލައިލެވުމެވެ.
މި އެކްސްޓެންޝަން އިންސްޓޯލް ކޮށްލުމަށް ބޭނުންނަމަ ކްރޯމް ބްރައުޒާގެ ސެޓިންގ އަށްގޮސް އެކްސްޓެންޝަން ބަޔަށް ވަދެލާށެވެ. ދެން ސަރޗް ގޮޅީގައި Google Dictionary މިގޮތަށް ޓައިޕްކޮށްލާށެވެ. އޭރުން އެކްސްޓެންޝަން ލިބޭނެއެވެ. ދެން އިންސްޓޯލް ކޮށްލުމަށްފަހު އަލުން ބްރައުޒާ ރިސްޓާޓް ކޮށްލާށެވެ. އޭރުން އެ ނިމުނީއެވެ.
މިއީ ގޫގުލްގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ގޫގުލްއިން ފަހިކޮށްދީފައިވާ ވަރަށް ބޮޑު ފަސޭހަކައެކެވެ.
