ސައިންސްވެރިން ލެބެއްގައި ލޭ އުފައްދައި ފުރަތަމަ ފަހަރަށް އިންސާނުންގެ ގަޔަށް އަޅައިފި
ސައިންސްވެރިން ލެބެއްގައި ލޭ އުފައްދައި ފުރަތަމަ ފަހަރަށް އިންސާނުންގެ ގަޔަށް އަޅައިފިއެވެ.
ޔޫކޭ ނޭޝަނަލް ހެލްތު ސާވިސް ބްލަޑް އެންޑް ޓްރާންސްޕްލާންޓްގެ ސައިންސްވެރިން ފުރަތަމަ ފަހަރަށް ލެބޯޓްރީއެއްގައި ލޭގެ ރަތް ސެލްތައް އުފައްދާފައިވާއިރު، މިއީ މަދުން ނޫނީ ނުފެންނަ ލޭގެ ބާވަތްތަކެއް ނުވަތަ ގަވާއިދުން ޓްރާންސްފިއުޝަން ދޭންޖެހޭ ބަލިތައް ހުންނަ މީހުންނަށް ކޮންމެވެސް ދުވަހަކުން އެހީތެރިވެދޭނެ ކަމެކެވެ.
އާންމު ގޮތެއްގައި ސިކްލް ސެލް އެނީމިއާ ފަދަ ލޭގެ އުދަނގޫތައް ހުންނަ މީހުން ދިރިހުރުމަށް ބަރޯސާވެފައިވަނީ ޑޯނަރ ލޭގެ މައްޗަށެވެ. ބައެއް ބަލިމީހުންނަށް ހަފްތާއަކު ދެފަހަރު ލޭ އަޅަން ޖެހޭ ކަމަށް ޔުނިވާސިޓީ އޮފް ބްރިސްޓަލްގެ ދިރާސާވެރިން ބުނެ އެވެ.
ޔުނިވާސިޓީއާއި އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް ބްލަޑް އެންޑް ޓްރާންސްޕްލާންޓް ގުޅިގެން ކުރިއަށް ގެންދާ ރިސްޓޯރ ޓްރައިއަލް އަކީ އިންސާނުންގެ ބަލިމީހުންގެ ގައިގައި ލެބުގައި ހެދިފައިވާ ލޭގެ ސެލްތައް ބެހެއްޓުމަށް ކުރެވުނު ފުރަތަމަ މަސައްކަތެކެވެ.
ޓްރައިއަލް ޓީމުން ފެށީ ޑޯނަރ ސްޓެމް ސެލްތަކުން އާ ރެޑް ބްލަޑްސެލްތައް އުފެއްދުމުން މިއީ ލޭ ހޯދުމުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނޭ ކަމެއް ކަމަށް ދިރާސާވެރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ސައިންސްވެރިންވަނީ ލެބްގައި އެ ލޭ އުފެއްދުމަށްފަހު ދެން އެ ލޭގެ ސެލްތަކުގެ މިނީ ޓްރާންސްފިއުޝަން ހެދުމަށް ދުޅަހެޔޮ ވޮލަންޓިއަރުން ހޯދައިފަ އެވެ.
ކޮންމެ ވޮލަންޓިއަރަކަށް ވެސް މަދުވެގެން ހަތަރު މަސް ދުވަހުގެ ފަރަގެއްގައި ދެ މިނީ ޑޯޒް ލޭ ލިބޭނެ އެވެ. އެއަށްފަހު ދިރާސާވެރިން ޓްރައިއަލްގެ ބައިވެރިން މޮނިޓަރކޮށް ލެބުގައި ހެދިފައިވާ “ޒުވާން” ލޭގެ ސެލްތައް ސްޓޭންޑަޑް ޑޯނަރ ލޭއާ އަޅާބަލާއިރު ހަށިގަނޑުގައި ދިގުދެމިގެންދޭތޯ ބަލާނެ އެވެ.
މިހާރު ޓްރައިއަލްގައި ވޮލަންޓިއަރުން ހޯދަމުންދަނީ ހަމައެކަނި ދައުވަތު ދިނުމުން ކަމަށާއި، ސަބަބަކީ ދިރާސާވެރިންނަށް ލޭގެ ވައްތަރުގެ މައުލޫމާތު ދިގުދެމިގެންދާ ގޮތަށް ޑޯނަރުންނާއި ރިސީވަރުންނާ އެއްވަރު ކުރަން ޖެހޭތީ އެވެ. ލެބުގައި ހެދިފައިވާ ސެލްތައް މިހާރު ވެސް ދެ މީހަކަށް ޓްރާންސްފިއުޒްކޮށްފައިވާއިރު، މިއަދާ ހަމައަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރެ އެވެ.
ފުރަތަމަ ނަތީޖާ އުއްމީދީ ނަމަވެސް، ކްލިނިކަލް ޓްރައިލްތަކުން ބޭރުގައި ލެބުގައި އުފައްދާ ލޭ ބޭނުން ކުރުމުގެ ކުރިން އިތުރު މަރުހަލާތަކެއް ޓެސްޓް ކުރަން ޖެހޭނެ އެވެ.
ދިރާސާވެރިން ބުނީ މި ޓްރައިއަލް ތަމްސީލު ކުރަނީ ލޭގެ އުދަނގޫތައް ހުންނަ މީހުންނަށް ރަނގަޅު ފަރުވާއެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.


