ދެނަމާދު ދޭތެރޭ ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ ސަޤާފަތާ ގުޅޭކަމެއްނޫން – އާދަމް ޝަރީފް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ ދިވެހިރާއްޖޭގެ ސަޤާފަތާ ގުޅޭކަމެއް ނޫންކަމަށް ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދެ ނަމާދު ދޭތެރޭ މިފަދަ މުހިއްމު ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ ސަގާފަތާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މި ދުވަސްވަރަކީ ހަ ރޯދަ ހިފާ ދުވަސްވަރަށް ވުމާ އެކު ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށާއި އަދި މިވަގުތު މިޖަލްސާ ބެލުމަށް ބޭނުންވާ އެތައް ބަޔަކަށް އެ ފުރުސަތު ނުލިބިދާނެ ކަމަށްވެސް އެޕޯސްޓްގައި އޭނާ ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:45 ގައެވެ.
އާދަމް ޝަރީފް މިފަދަ ޕޯސްޓެއް ކުރެއްވި ނަމަވެސް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައިވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.


