ޚަބަރު

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލާގައި ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލާގައި ބަންދުކުރެވުނީ 18 އަހަރާއި 23 އަހަރާ ދެމެދުގެ ތިން ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތިން މީހުންނަކީ ވެސް އަނިޔާ ލިބުނު މީހާއާ އެއް ތަނެއްގައި މަސައްކަތްކުރާ މީހުންނެވެ. އެހެންނަމަވެސް، ދިފާއުގައި އެ މީހުން ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިވީ ޕަވަޓޫލެއް ބޭނުންކުރަނިކޮށް ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. މީގެ ތެރޭގައި ތަހުގީގީ ބަޔާންތަކާއި، ސީސީޓީވީ ފޫޓޭޖް، އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓު ހިމެނެއެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ތިން މީހުން ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ކޯޓުން ނިންމާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close