ތަޖްރިބާކާރު ކުޅަދާނަ ފަންނާނު ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ
ތަޖްރިބާކާރު ކުޅަދާނަ ފަންނާނު ޗިޅިޔާ މޫސާ މަނިކު ރޭ ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ 10:00 ހާއިރު އެވެ. ޢުމުރުފުޅުން 81 އަހަރުގައި އޭނާ ނިޔާވިއިރު، އަނބިކަނބަލުންނާއި 11 ކުދިން އެބަތިއްބެވެ.
ކުރެހުމުގެ ދާއިރާ އާއި ފިލްމީ ދާއިރާގައު ފުންނާބު އުސް ފަންނުވެރިޔާ މޫސާ މަނިކަށް ދިވެހި ސަރުކާރުން ވަނީ ޕާރފޯމިންގ އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލް ކުޅުމުގެ ރޮނގުން 2009 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމް ދެއްވާފަ އެވެ. އަދި ތަމްސީލްކުޅުމުގެ ރޮނގުން އާއްމު ޚިދުމަތުގެ އިނާމު 1983 ވަނަ އަހަރު ވަނީ ދެއްވާފަ އެވެ.
ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސް އިން ތައްޔާރު ކުރެއްވި “މުޙައްމަދު ތަކުރުފާނު” އާދެ! “ޣާޒީ ބަންޑާރައިން” މި ފިލްމުން ނެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ އެ ދެއްކެވި މޮޅު ހުނަރުގެ ސަބަބުން ނެވެ.
ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިން 1977 ވަނަ އަހަރު، މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯވތަކުން ނެވެ.
ދިވެހި ފިލްމުތަކުގައި ތަފާތު އެތައް ރޯލެއް ކުޅުއްވާފައިވާ އިރު، ދިވެހި ޑްރާމާތަކުގައި ވެސް ޗިޅިޔާބެ ވަނީ ހަރަކާތްތެރިވެލައްވާފަ އެވެ.
ޗިޅިޔާ މޫސާ މަނިކަށް “އާފަތިސް” އެވޯޑްވެސް ވަނީ ލިބިވަޑައިގެންފަ އެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު “ޒަޚަމް” އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައި ވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު “ހަގު އަނބި”ން އޭނާ ހޯއްދަވާފައިވެ އެވެ.
މިރޮނގުން އޭނާ އެންމެ ފަހުން ޙާޞިލު ކުރެއްވި ކާމިޔާބީއަކީ، “މިއަދު” ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

