ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން މުޒާހަރާކޮށްފި
ކުރީގެ ރައީސް ޔާމީނަށް ޖަލުޙުކުމް އިއްވިތާ އަހަރު ފުރުމާ ގުޅުވައިގެން ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި، ގްރޭޓާރ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ މުޒާހަރާ ކޮށްފިއެވެ.
އިދިކޮޅުން ބޭއްވި މުޒާހަރާގައި ވަނީ ބައެއް އޮޑިފަހަރުގައި ނުކުމެ ކަނޑުމަތީގައިވެސް މުޒާހަރާކޮށްފައެވެ. މުޒަހަރާގައި އިދކޮޅުން މައިގަނޑު ގޮތެއްގައި ގޮވާލައިފަވަނީ ރައީސް ޔާމީނަށް އަނިޔާދޭކަމަށާއި، އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއްޔެ މުޅި ރާއްޖޭގައި ކުރި މުޒަހާރާގެ ހަރަކާތްތަކުގެ ފޮޓޯތަކާއި، ވީޑިއޯ ތައް ސޯޝަލް މީޑިއާގައި ދައުރުވުމުގެ އިތުރުން ޗެނެލް 13 އިން ވަނީ މުޒާހަރާ ހިނގަމުން ދިޔައިރު ވަގުތުން ދުރަށް ދައްކާފައެވެ.
މަނީ ލޯންޑްރިންގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5,000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް 28 ނޮވެންބަރު 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައެވެ.
އެހެންކަމުން ރައީސް ޔާމީން ގެންދަވަނީ އެޙުކުމް ތަންފީޒުކުރައްވަމުންނެވެ. އެމަނިކުފާނު ޖަލުގައި ހުންނެވިއިރު އެމަނިކުފާނާއެކު އެ ޚިޔާނާތުގައި ބައިވެރިވި ބައެއް އެހެންފަރާތަކަށް ސަރުކާރުން ވަނީ އަދަބު ލުއިކޮށްދީފައެވެ.


