ޚަބަރު

ކޮންމެ ރަށަކުންވެސް އިވެނީ މިސަރުކާރުން ގެނެސްދޭ ތަރައްޤީގެ ވާހަކަ: ރައީސް

ރަށްތައް ތަރައްގީ ކުރާ ވާހަކަ ދައްކަވަނީ ހަމައެކަނި ސަރުކާރުގެ އިސް ވެރިން ނޫން ކަމަށާއި، ކެމްޕޭނަށް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް އިވިލެއްވި އަޑަކީ މި ސަރުކާރުން ރަށްތަކަށް ގެނެސްދެއްވާ ތަރައްގީގެ ވާހަކަތައްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭނު ނިންމަވާލެއްވުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން މިހާތަނަށް ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ޚުލާސާ ގޮތެއްގައި އަލިއަޅުވާލައްވާފަ އެވެ.

ރޭ އައްޑޫގައި ބޭއްވި ބޮޑުޖަލްސާގެ ތެރެއިން —

“ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރަން ފަށާފައި ހުރި މަސައްކަތްތަކަށް ބަލާއިރު ހަމައެކަނި ބަނދަރު ރަށްރަށުގެ ލަފާ ފުރުން ހައްލުކުރުމަށް 83 ރަށެއްގެ ބަނދަރު މަޝްރޫއު ކުރިއަށް އެބަދޭ. އޭގެތެރެއިން މިހާތަނަށް 47 މަޝްރޫއެއް ނިމި ބޭނުންކުރެވެން ފަށައިފި”

ގުޅުންހުރި ލިޔުންތައް
ރައީސް ޞާލިހު

އެމަނިކުފާނު ވިދާޅުވީ 139 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ދައުރު ނިމެންވާއިރަށް ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުރިހާ ރަށެއްގައި ނިންމާ ޚިދުމަތްދޭން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މަގު ހެދުމުގެ 36 މަޝްރޫއެއް މި ސަރުކާރުން ފަށާފައިވާކަމަށެވެ. އޭގެ އިތުރުން މި ސަރުކާރުން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 16000އަށް ވުރެ ގިނަ ފްލެޓާއި ހައުސިން ޔުނިޓާއި ގޯތި ދިނުމުގެ މަޝްރޫއު ފަށައިގެން ކުރިއަށް ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މާލެ ސަރަހައްދުގައި 7000އަށްވުރެ ގިނަ ފްލެޓު އަދި 5000އަށް ވުރެ ގިނަ ގޯތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް. މިހާތަނަށް 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ.. ހަވާލުކުރެވިއްޖެ.. އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް މޭޔަރު މިހާރު ވަނީ އިއުލާނު ކުރެވިފަ”

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މި ސަރުކާރުން ރަށްތައް ތަރައްގީ ކުރާ ވާހަކަ ދައްކަވަނީ ހަމައެކަނި ސަރުކާރުގެ އިސް ވެރިން ނޫން ކަމަށެވެ. ކެމްޕޭނަށް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް އިވިލެއްވި އަޑަކީ މި ސަރުކާރުން ރަށްތަކަށް ގެނެސްދެއްވާ ތަރައްގީގެ ވާހަކަތައްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެއާއެކު ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށް ދާން ކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close