2019 ގައި ނެރުނު ފޯނުތަކުގެ ތެރެއިން އެންމެބެސްޓް ކެމެރާ ހުރި ފޯނުތައް
ބައިވަރު ވައްތަރު ވައްތަރުގެ ފޯނުތައް ބާޒާރުގައި އެކި އަގުތަކުގައި ފަސޭހަކަމާއެކު ލިބެން ހުންނައިރު އެކިމީހުން ފޯނުގަންނާނީ އެކި ބޭނުމަށް ވިސްނާފައެވެ. ބައެއް މީހުން ބިޒްނަސްގެ ތެރޭގައި އުޅޭއިރު އަނެއްބަޔަކު އުޅޭނީ ކިޔެވުމުގައެވެ. އަދި ގިނަމީހުންނަކީ ފޮޓޯ ނެގުމާއި އެފޮޓޯތައް އެޑިޓްކުރުމާއި، އަދި އެފޮޓޯތައް ސޯޝަލް މީޑިއާގެ ތަފާތު ވިއުގަ ތަކަށް އަޕްލޯޑް ކުރުމުގެ މަސައްކަތުގައި އުޅޭމީހުންނެވެ.
ވަރަށް އަވަސް އަވަހަށް ފޯނުތައް އަޕްޑޭޓް ވަމުން އައިސް އެކިއެކި ބްރޭންޑްތަކުގެ ފޯނުތައް މިއަދު މިވަނީ ހެޔޮއަގުތަކުގައި އަތްފޯރާ ހިސާބަށް އައިސްފައެވެ. އެހެންކަމުން ފޯނެއް ގަންނަން ބަލާއިރު އެމީހަކު ބޭނުންވާ ދާއިރާގެ އެންމެ ރަނގަޅު ފޯނު އެކަށީގެންވާ އަގުގައި ގަތުމަކީ ވަރަށް މިހިންމު ކަމެކެވެ.
ފޮޓޯ ނެގުމުގެ ޝަޢުޤުވެރިކަން ހުންނަ ފަރާތްތަކަށް މިގެނެސްދެނީ 2019 ވަނައަހަރު ނުކުތް ފޯންތަކުގެ ތެރެއިން ކެމެރާގެ ކޮލިޓީ އެންމެ ރަނގަޅު ކަމަށް ބެލެވިފައިވާ ފޯނުތަކުގެ ލިސްޓެކެވެ. މި މަޢުލޫމާތު ތަކަކީ ފަހަރެއްގައި އެންމެ ތެދު މަޢުލޫމާތުތަކަށް ނުވިނަމަވެސް ޓެކްނޮލޮޖީގެ މިފަދަ ގިނަ މަޢުލޫމާތުތައް ގެނެސްދޭ ބޭރުގެ ގިނަ ސައިޓްތަކުން މިލިސްޓް ތަރުތީބު ކޮށްފައިވަނީ ހަމަ މިގޮތަށެވެ.
ވާވޭ ޕީ 30 ޕްރޯ:
އެޕްރީލް 2019 ގައި ނެރުނު ވާވޭ ކުންފުނީގެ އެންމެ ފަހުގެ ފޯނު ވާވޭ ޕީ 30 ޕްރޯ އަކީ މިވަގުތު ބާޒާރުން ލިބެންހުރި ކެމެރާ އެންމެ ވަރުގަދަ ފޯނޭ ދެންނެވިދާނެއެވެ. މިފޯނުގެ ފީޗާސް ތަކަށް ބަލާއިރު ސުޕަ އެޗްޑީ ކޮލިޓީގައި ކަނު އަނދިރީގައި ފޮޓޯ ނަގާލެވޭ އެ ފޯނު 8 ޖީބީގެ ރެމް އަކާއެކު 128 ޖީބީގެ މެމޮރީ، 256 ޖީބީ އަދި 512 ޖީބީވެސް ހުރެއެވެ.

ބެޓެރީގެ އުމުރު ދިގު، ފާސްޓު މި ފޯނުގެ ފީޗާތަކަށް ބަލާއިރު ފޯނުގެ އަލްޓްރާ ވައިޑް އެންގަލް ކެމެރާ އަކީ 20 މެގަޕިކްސެލްގެ ކެމެރާ އެކެވެ. މެއިން ސެންސާ އަކީ 40 މެގަޕިކްސެލްގެ ސެންސާ އެކެވެ. ޓެލެފޮޓޯ އަކީ އަށް މެގަޕިކްސެލް އެވެ. ޓީއޯއެފް ކެމެރާ އެއްވެސް މި ފޯނުގައި ވަނީ ހިމަނައިފައެވެ. ފޮޓޯގެ ޑީޓެއިލް ކެޕްޗާ ކުރެވޭނެއެވެ. ސެލްފީ ނަގަން މަރުދޭ މީހުންނަށް މިއީ ރަނގަޅު ފޯނެކެވެ 32 އެމްޕީގެ ސުޕަ އެޗްޑީއާރު އަދި ލޯ ލައިޓް ޝޮޓު ނެގޭނެއެވެ.
ގޫގުލްގެ ޕިކްސެލް 3
ދެވަނައަށް އެންމެ ބެސްޓް ކެމެރާ ހުރި ފޯނުކަމުގައި ފާހަގަކުރެވިފައިވަނީ ޓެކްނޮލޮޖީގެ ބައްޕަކަމުގައި ވާދަކުރަމުން އަންނަ ގޫގުލްކުންފުނިން އޮކްޓޯބަރ 2018 ގައި ރިލީޒްކުރި ޕިކްސެލް 3 އެވެ.

ޕިކްސެލް 3 އެކްސްއެލްގައި 6.3 އިންޗީގެ ޑިސްޕްލޭ އެއް ހިމަނާފައިވާ އިރު، 128 ޖީބީގެ ސްޓޯރޭޖާއި ކުއެލްކޮމްގެ 845 ޗިޕްސެޓް އަދި 4 ޖީބީ ގެ ރެމް އެއް ވަނީ ހިމަނައިފަ އެވެ.
މި ފޯނުގައި 12.2 ގެ މެގަ ޕިކްސެލް ކެމެރާ އަކާއި އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެއް ހިމަނާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ވާވޭ މޭޓް 20 ޕްރޯ
ވާވޭގެ ފަހުގެ ފޯނުތަކަކީ އެހެން ބައެއް ފޯނުތަކާއަޅާބަލާއިރު މާބޮޑަށްވެސް ވަރުގަދަކަމަށް މަޝްހޫރު ފޯނުތަކެކެވެ. އެގޮތުން ވާވޭ މޭޓް 20 ޕްރޯ އަކީ މިއަހަރު މިހާތަނަށް ނެރެފައިވާ ފޯނުތަކާ އަޅާބަލާއިރު ވަރުގަދަ ފޯނުތަކާ ވާދަކުރެވޭ ފެންވަރުގެ ފޯނެކެވެ. މި ފޯނުގައި ފޮންގާ ޕްރިންޓް ސްކޭނާ ހިމަނާފައިވަނީ ފޯނުގެ ސްކްރީނުގައެވެ. 6.4 އިންޗި އޯލެޑް ޑިސްޕްލޭ އެއް އެކުލެވޭ މި ފޯނުގައި ތްރީޑީ ފޭޝަލް ރިކޮގްނިޝަން ހިމަނާފައިވާއިރު މި ފީޗަރ އަކީ އަޕްޑޭޓޭޑް، އޯތެންޓެޓިކް ފީޗާ އެކެވެ.

ބެކް ކެމެރާގެ ގޮތުގައި ތިން ލެންސް ފޯނުގައި ހިމެނެއެވެ. އޭގެ ތެރޭގައި އަލްޓްރާ ވައިޑް އެންގަލް ލެންސަކާއި، ވައިޑް އޭންގަލް ލެންސެއްގެ އިތުރުން ޓެލެފޮޓޯ ލެންސެއް ހިމެނެއެވެ. 128 ޖީބީގެ ވާވޭގެ މި މޮޑެލްގެ ފޯނުތަކުގައި ހަތަރެއް އަދި ހަ ޖީބީ ރެމްގެ ފޯނު ވަނީ ބާޒާރަށް ނެރެފައެވެ. މި ފޯނުގެ ނޮޗް ހިމަނާފައިވަނީ ހަމައެކަނި ފްރަންޓް ކެމެރާ ހިމެނޭ ކުޑަ ތަންކޮޅުގައެވެ.
ވާވޭ އޮނަރ ވީވް 20
ކެމެރާގެ ނިސްބަތުން ހަތަރުވަނައިގައި މިއުޅެނީ ވާވޭ ކުންފުނީގެ އޮނަރ ވީވް 20 އެވެ. މިފޯނު ލޯންޗް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ. ބެކް ކެމެރާގައި 48 މެގަޕިކްސެލް ހުންނައިރު ފްރަންޓް ކެމެރާގައިވެސް 25 މެގަޕިކްސެލް ހުރެއެވެ. އެހެންކަމުން މިފޯނަކީވެސް ކެމެރާގެ ވާދަވެރިކަމުގައި ފައިހަމަ ކޮށްލެވިދާނެ ފޯނެއްކަމުގައި ވަނީ ލިސްޓްކުރެވިފައެވެ.

އައިފޯން އެކްސް އެސް
ކެމެރާގެ ނިސްބަތުން އެޕަލް ކުންފުނީގެ އައިފޯން އެކްސް އެސް މިއުޅެނީ ލިސްޓްގެ 5 ވަނައިގައެވެ. މި ފޯނުގެ އެންމެ ހާއްސަ ފީޗާއަކީ ފޯނުގެ ކެމެރާ އެވެ. މި ފޯނުގެ ފަހަތުގައި ހިމެނެނީ 12 މެގަޕިކްސެލްގެ ޑުއަލް ކެމެރާ ލެންސެކެވެ. ޕޯޓްރެއިޓް މޯޑުގައި ފޮޓޯ ނެގޭނެ އެވެ.

އޮކްޓޯބަރ 2018 ގައި ރިލީޒް ކުރި މިފޯނަކި ވައިޑް އެންގަލް އަދި ޓެލެފޮޓޯ ކެމެރާ ފީޗަރސް ހިމެނިފައިވާ ފޯނެކެވެ. ފްރަންޓް ކެމެރާގައި 7 މެގަޕިކްސެލް ހުރެއެވެ.
ސެމްސަންގ ގެލެކްސީ އެސް 9 ޕްލަސް
ސެމްސަންގް ކުންފުނިން ނެރުނު ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސްގެ އެންމެ ޚާއްސަ ސިފައަކީ އެ ފޯނުތަކުގެ ކެމެރާއެވެ. އެގޮތުން އެސް 9 އަދި އެސް 9 ޕްލަސްގެ ކެމެރާތައް ފަރުމާކޮށްފައިވަނީ ކޮންމެ ވަގުތަކު ވެސް ސާފުކޮށް ފޮޓޯ ނަގައި، ވީޑިއޯ ކުރެވޭ ގޮތަށެވެ. އަދި އެ ފޯނުގައި އެކުލެވިފައިވާ ދެ އެފް ސްޓޮޕް މޯޑް ހިމެނޭ، ޑުއަލް އެޕަޗަރ ގެ އެހީއާއެކު އިންސާނެއްގެ ލޮލާ އެއްފަދައިން އަލި ތަންތަނަށާއި އަނދިރި ތަންތަނަށް އެ ފޯނުގެ ކެމެރާ ހޭނޭނެއެވެ.

2018 މާރޗްގައި ލޯޗްކުރި މިފޯނު ހިމެނިފައިވަނީ ލިސްޓްގެ 6 ވަނައިގައެވެ. މިފޯނުގެ ފަހަތު ޑުއަލް ކެމެރާގައި ކޮންމެ ބައެއްގައި 12 މެގަފިކްސެލް ހުރެއެވެ.
ވަން ޕްލަސް 6 ޓީ
ވަން ޕްލަސްގެ ފޯންތަކަކީވެސް ވަރުގަދަ ކެމެރާތަކާއެކު ނެރޭ ފޯންތަކަށްވާއިރު 2018 މޭ ގައި ރިލީޒްކުރި ވަން ޕްލަސް 6 ޓީގެ ފްރޮންޓް އަދި ބެކް ކެމެރާއަކީ ވެސް މާކެޓުގައި ހުރި އެންމެ ކޮލިޓީ ކެމެރާތަކާއި ވާދަކުރާނެ ކެމެރާތަކެކެވެ. ފްރޮންޓް ކެމެރާއިން 2.0 އެޕާރޗާރ ގައި 20 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ. ފޯންގެ ފަހަތުގައި ޑުއަލް ކެމެރާ ހަރުކުރެވިފާއިރު އޭގެތެރެއިން އެއް ކެމެރާއަކީ 1.7 އެޕާރޗާރ ގައި 16 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެ ކެމެރާއެކެވެ. ދެވަނަ ކެމެރާއިން ހަމަ އެ އެޕާރޗާރގައި 20 މެގަޕިކްސެލްގެ ފޮޓޯ ނެގޭނެއެވެ.


މި ލިޔުން މީހަކު ލޯ ހުޅުވާލުން ރަނގަޅު.. ބޭރުގެ ލިޔުންތަކެއް ބަލައިގެން ލިޔެވިފައި ތިއޮތީ މިތާރީހާ ނުބައްދަލު ލިޔުމެއް. ޓެކްނޮލޮޖީ އަށް ހޭލުންތެރި ވެފައި ނެތްކަން ފާހަގަކޮށްލެވޭ…