ދީން

ރޯދަވީއްލަން މިސްކިތަށް ދާންވީ ކީއްވެ؟

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުން ހަމަކޮންމެ މީހަކުވެސް ބޭނުންވާންވާނީ އެމައްސަރުގެ ޘަވާބާއި ދަރުމަ ލިބެނިވި އެންމެ މޮޅުއިތުރުގޮތްތައް ހޯދާބަލައި އެގޮތަކަށް ޢަމަލުކުރުމަށެވެ.

އެހެންކަމުން ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އައުމާއިއެކު އަޅުގަނޑުމެން ރޯދަ ހިފަން ފަށަމުއެވެ. ފަޖުރުއްޞާދިޤްގެ އަލިކަން ފައުޅުވީންސުރެ އިރުއޮއްސެންދެން އަޅުގަނޑުމެން މިތިބެނީ ރޯދައެވެ.  މީހާގެ ހުރިހާ ގުނަންތަކެއް މައިތިރިކޮށް ރޯދައަށް ބަހައްތަމުއެވެ. އެއީ ކުރިންވެސް ދެންނެވިހެން ތިމާއަށް ކުރެވިފައިވާ ފާފަތައް ފުހެވި މާތްވެގެންވާ ސުވަރުގެ ޙާޞިލް ކުރުމުގެ ބޭނުމުގައެވެ. އެހެން ދެވަނަ ބޭނުމެއް ނޯންނާނެއެވެ.

މިބޮޑު އަޅުކަން ނިންމައި ރޯދަވީއްލާ ވަގުތު އެއީ އަޅުގަނޑުމެންނަށް އެންމެ މުހިންމު ވަގުތެވެ. އެންމެ ބޭނުންތެރި ވަގުތެވެ. އެހެނީ އެވަގުތު ކުރާ ދުޢާއަކީ މާތް ﷲ އިޖާބަ ނުކުރައްވަވައި ދޫކޮށްލައްވަވާނެ ދުޢާއެއް ނޫނެވެ.

ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތްގޮތުގައި މާތް ﷲ ދުޢާ އިޖާބަ ނުކުރައްވައި ދޫކޮށް ނުލައްވަވާނެ 3 މީހަކުވެއެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާ އާއި އަދުލުވެރި ވެރިއަކު ރައްޔިތުންނަށްޓަކައި ކުރާ ދުޢާ އާއި އަނިޔާ ލިބެމުންދާ މީހާ ކުރާ ދުޢާއެވެ.

މިބޮޑު ފުރުޞަތު މިހައި ހާމަކޮށް ރޯދަވެރިންނަށް އޮތް ނަމަވެސް ރޯދަވީއްލާ ވަގުތު ދުޢާ ކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވަމުން އަންނަ ކަމެކެވެ. އަދި މިސްކިތަށް ރޯދަވީއްލުމަށް އަންނަ ބައެއް މީހުންނަށް ފުރައްސާރަކޮށް މަލާމާތްކޮށްވެސް ހަދައެވެ. މިސްކިތައް ރޯދަވީއްލުމަށް އަންނާނީ ހަމައެކަނި ބަންގާޅީންކަމުގައި އެފަދަމީހުން ލޭބަލް ކުރެއެވެ. މިއީ ވަރަށް ދެރަކަމެކެވެ.

ކަންމިހެން ހުރިއިރު އެމަތިވެރި، މުހިންމު ވަގުތުކޮޅު ގާތްވަމުން އަންނައިރު ގިނަބަޔަކު ތިބެނީ ކޮންމެވެސް ކުޅިވަރެއްގައި މަސްއޫލުވެގެންނެވެ. ޓީވީ ބެލުމާއި ގޭމްކުޅުން ފަދަ ކަންކަމުގައި ޣާފިލުވެގެންނެވެ. މުނިފޫހިފިލުވުމުގެ ކޮންމެވެސް ކަމެއް ނުވަތަ ކުޅިވަރެއް ކުޅޭށެވެ. އަނެއް ބައަކު އުޅެނީ ވީހައި މީރު އެއްޗެއް ވީހައި ގިނައިން ކެއުމަށް ތައްޔާރުވުމުގައެވެ. ވީހައި ގިނަ ކާތަކެއްޗަށް ފަސޭހަކަމާއިއެކު އަތް ފޯރުވޭނެ ގޮތް ހެދުމަށެވެ.

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއާދަތައް ބަދަލުކުރަން އެބަޖެހެއެވެ. ރޯދަވިއްލާ ވަގުތު ގާތްވުމުން ސަމާލުކަންދޭންވީ އަޅުކަންކުރުމަށެވެ. ކީރިތި ޤްރްއާނުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކިޔައިލުމަށެވެ. ދުޢާކުރުމަށެވެ. އެމީހަކު އެންމެ އެދޭ ކަންކަން ހިންމަވައިދެއްވުން އެދިއެވެ. ދުޢާކޮށްލާފައި ކެއުމަށް އަވަސްވެގަތް ނަމަވެސް ހަމަ ރޯދި ކުރެއްވެވި މިންވަރަކަށް ކެވޭނެއެވެ.

ބައެއް މުޖުތަމައުތަކުގައި މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. ޢާއިލާގެ އެންމެން އެކުގައި ތިބެ ދުޢާ ކުރެއެވެ. ރޯދަ ވީއްލަނީ ދުޢާކުރުމަށްފަހުގައެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ.

ރޯދަވީއްލުމަށް މިސްކިތަށް އައުމަކީ މުހިންމުކަމެއްކަމުގައި ދަންނަވަންޖެހެނީ ރޯދަވީއްލުމުގެ ކުރިން ސުންނަތް ނަމާދެއްކޮށްލުމާއި، ޤުރުއާނުން ތަންކޮޅެއް ނަމަވެސް ކިޔަވައިލުމާއި، އަދި ރޯދަވީއްލުމަށްފަހު ހަމަޖެހިލައިގެން ޖަމާޢަތުގައި  މަޣްރިބް ނަމާދުކޮށްލެވޭނެތީއެވެ.

މިސްކިތަށް އެވަގުތު އައުމަށް އުޒުރުވެރިވާ މީހުންވެސް ވެސް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމުއެވެ. ރޯދަވިއްލާވަގުތުޖެހުމުން އެމީހަކު އެދޭކަމަކުން ދުޢާ ކުރުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close