ޤައުމީ ސަލާމަތަށް ނުރައްކަލެއްވެދާނެކަމަށް ހީވާކަހަލަ ނުވަތަ އާދަޔާ ޚިލާފް ކަމެއް ފެނިއްޖެނަމަ ރިޕޯޓްކުރައްވާ – ކައުންޓަރ ޓެރަރިޒަމް ސެންޓަރ
ޤައުމީ ސަލާމަތަށް ނުރައްކަލެއްވެދާނެކަމަށް ހީވާކަހަލަ މަޢުލޫމާތެއް ނުވަތަ އާދަޔާ ޚިލާފް ކަމެއް ފެނިއްޖެނަމަ އެކަން ވީ އެންމެ އަވަހަކަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހޮޓްލައިން 1615 މެދުވެރިކޮށް ނުވަތަ އެ ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިއްޖެއެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މިހެން ވިދާޅުވެފައި މިވަނީ އަވައްޓެރި ސްރީލަންކާއަށް ޓެރަރިސްޓް ހަމަލާތަކެއް ދިނުމާ ގުޅިގެން ރާއްޖެ ހިމެނޭހެން އަވައްޓެރި ޤައުމުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެސެންޓަރުން ބުނީ އެފަދަ މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މަޢުލޫމާތު ސިއްރުކުރާނެ ކަމަށެވެ.
ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މާލޭގެ ސަރަޙައްދުތައް މިހާރު ބަލަހައްޓާ މިންވަރަށްވުރެ ބެލެހެއްޓުން އިތުރުކޮށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އަދި ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ސަލާމަތީ ކަންކަންވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ޓެރަރިޒަމްގެ ނުރައްކަލަކީ މުޅި ދުނިއެއަށް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި ސަލާމަތީ ބާރުތަކުން ވަނީ މިދަނޑިވަޅުގައި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް އޮންލައިންތަކާއި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޝެއަރ ނުކުރުމަށްވެސް ގޮވާލާއްވާފައެވެ.
