ޚަބަރު

ސިއްޙީ ނިޒާމަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް މިހާރުވެސް ގޮން ޖެހުންތަކެއް އެބަހުރި – ރައީސް

ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް މިހާރުވެސް ގޮން ޖެހުންތަކެއް އެބަހުރި ކަމަށާއި، އަދި ރައްޔިތުންގެ ޝަކުވާތައްވެސް މަދު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރީގެ ހެލްތް މިނިސްޓަރުން އެއްތަނަކުން ބައްދަލުކުރެއްވުމަށް ބޭއްވި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުން ރައްޔިތުންނަށް ހިލޭ ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ އާސަންދައިގެ ތެރެއަށް އިންތިހާ ދަރަޖައަށް ކޮރަޕްޝަން ވަދެފައި ވުމުން އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް އިސްރާފްވެގެންދާ ކަމަށެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާގައި ވަޒީރުކަން ކުރެއްވި ބޭފުޅުން އެއްތަނަކުން ބައްދަލުކޮށްލެވުމަށް ބޭއްވި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެ ދުށް ބޮޑެތި ރޯގާތަކާއި ބަލިމަޑުކަން ކުރިމަތިވީ ރާއްޖޭގެ ސިއްޙީ ނިޒާމް ފިރުކެމުން ދިޔަ ދުވަސްވަރެއްގައި ނަމަވެސް އޭރު ލިބެންހުރި މަދު ވަސީލަތްތަކާއި ސިއްޙީ ޚިދުމަތްތެރިންނާއެކު ކުރީގެ ޚިދުމަތްތެރިން ޤައުމަށް ކޮށްދެވީ އަގު ނުކުރެވޭ ވަރުގެ މުހިންމު ޚިދުމަތްތަކެއް ކަމަށެވެ.

“އޭރު ރާއްޖެ އޮތް ގޮތް ވަރަށް ތަފާތު. ދިވެހިންގެ ދުޅަހެޔޮކަމުގެ ހާލަތާއި ސިއްޚީ ހޭލުންތެރިކަންވެސް ވަރަށް ތަފާތު. އަދި ރާއްޖޭގެ ސިއްޚީ ޚިދުމަތުގެ ނިޒާމްވެސް މިހާރާއި އަޅާބަލާއިރު ވަރަށް ތަފާތު. ނަމަވެސް އެދުވަސްވަރެއްގައި ރާއްޖޭގެ ފޯރުންތެރިކަން ހުރި މިންވަރަކުން ފެންވަރު ރަނގަޅު ސިއްޚީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ތިޔަ ބޭފުޅުން ވަނީ ވަރަށް ބުރެ މަސައްކަތްތަކެއް ކުރައްވާފައި.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރަހައްދުގެ ޤައުމު ތަކާއި އަޅާބަލާއިރު ޢާންމު ސިއްޙީ ޚިދުމަތުގައި ރާއްޖެ ކުރިއަރާ ދިޔައީ ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާއެކު ކުރީގައި ސިއްޙީ ޚިދުމަތުގައި ތިއްބެވި ބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށާ އެ ބޭފުޅުން ކުރެއްވި މިންނެތް މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.

“ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މެލޭރިއާ އާއި ފައިލޭރިއާ ނައްތާލެވުނު ޤައުމަކީވެސް ދިވެހިރާއްޖެ. ޕޯލިއޯފަދަ ބަލިތައްވެސް ރާއްޖެއިން ވަނީ މި ނައްތާލެވިފައި. އެ ބަލިތައް ރާއްޖެއިން ނައްތާލުމުގައި ތިޔަ ވަޒީރުންގެ ހިއްސާ ވަރަށް ބޮޑު.” ރައީސް ވިދާޅުވިއެވެ.

“ދައުލަތުން ރައްޔިތުންނަށް ބޭސް ފަރުވާގެ ޚިދުމަތްދޭއިރު އާސަންދައިގެ ތެރެއަށްވެސް ކޮރަޕްޝަން ވަދެފައި އޮތީ އިންތިހާއަށް. އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފްވެގެން އެބަދޭ. މިއީވެސް ސިއްޚީ ހިދުމަތުގެ ނިޒާމް ތަރައްގީ ކުރުމަށް މަޝްވަރާ ހައްލު ހޯދަންޖެހޭ ކަންތައްތައް.” ރައީސް ވިދާޅުވިއެވެ

ރައީސް ޞާލިޙް ވަނީ ސިއްޙީ ދާއިރާގައި ކުރީގައި ޚިދުމަތް ކުރެއްވި ބޭފުޅުން އޭރު އުފުލި ތަކުލީފްތަކާއި އޭރު ކުރެވުނު ތަޖުރިބާތައް އެއް މޭޒެއްގައި ހިއްސާކޮށްލުމަކީ ހެޔޮ ފާލެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި އެ ބޭފުޅުންގެ ތަޖުރިބާ މި ދާއިރާ ކުރިއެރުވުމަށް މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close