ޚަބަރު

“އެންމެ އަލިގަދަ ތަރި” ޤުރުއާން މުބާރާތް މިއަހަރުގެ ރަމާޟާންމަހު ނުބާއްވާގޮތަށް ނިންމައިފި

ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމުކޮށްގެން ޢާއްމުންނަށް ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން 2013 ވަނައަހަރުން ފެށިގެން ގެނެސްދޭ “އެންމެ އަލިގަދަ ތަރި” ޕްރޮގްރާމް މިއަހަރުގެ ރަމާޟާންމަހު ނުބާއްވާގޮތަށް ނިންމައިފިއެވެ.

މިއަހަރުގެ މުބާރާތް ނުބާއްވާގޮތަށް ޕީއެސްއެމްއިން ނިންމާފައިވަނީ އެންމެ އަލިގަދަ ތަރިއަށް ބޭނުންވާވަރަށް ކުދިން ނުލިބުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިއަހަރުތެރޭގައި ޕްރޮގްރާމް ބޭއްވުމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނެސް ޕްރޮގްރާމް ބާއްވާނެ ތާރީޚެއް ފަހުން ޢިޢުލާންކުރުމަށް ވަނީ ނިންމާފައެވެ.

“އެންމެ އަލިގަދަ ތަރި” މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށާއި އެސްއެމްއެސްގެ ޒަރިއްޔާއިން ނަން ހުށައެޅުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ޖުމްލަ 24 ބައިވެރިންނެވެ. މީގެ ތެރެއިން 15 ފަރާތެއް ވީޑިއޯ ހުށަހަޅާފައިވެއެވެ.

ޕީއެސްއެމްއިން ބުނެފައިވަނީ އޮޑިޝަންތަކަށް ފަހު ޖުމްލަ 12 ބައިވެރިންނާއެކު ކުރިޔަށްދާ މި މުބާރާތަށް މިފަހަރު ހުށަހެޅި ވީޑިއޯތަކުން ފެނިގެން ދިޔައީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ހަތަރު ވަރަކަށް ބައިވެރިންނެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންކަމަށެވެ.

މުބާރާތް ބޭއްވުމަށް އޮޑިޝަން ބޭއްވުމާއި އެނޫންވެސް ގިނަ ތައްޔާރީތަކެއް މިއަހަރުވެސް ޕީ.އެސް.އެމްއިން ވެފައިވެއެވެ. އަދި މިއަހަރުގެ މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެންމެ އަލިގަދަ ތަރީގެ ލަޤަބު އެރުވުމަށް ނިންމާފައިވެއެވެ.

ޕީއެސްއެމްގެ މައި ޓީވީ ޗެނަލް ޓެލެވިޜަން މޯލްޑިވްސްއިން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ގެނެސްދޭ “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި”އަކީ ކީރިތި ޤްރުއާން ކިޔެވުމުގެ މުބާރާތެއްގޮތުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 2013ވަނަ އަހަރު ގެނެސްދޭން ފެށި މިމުބާރާތަށް ކޮންމެ އަހަރަކުވެސް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close