ރާއްޖޭގައި ކޮވިޑްގެ ޕޮޒިޓިވް ރޭޓް މައްޗަށްގޮސް މިހާރު މާލޭގެ އިތުރުން ރާއްޖެ ތެރޭގެ ރަށްތަ ގޯހުން “ގޯހަށް” ދާން ފަށައިފިއެވެ.
އެގޮތުން މިއަދު އެކަނިވެސް އައްޑޫއިންވަނީ 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އަދި ހަމަ މިއަދުގެ ވަގުތެއްގައިވަނީ ހއ. ދިއްދޫގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރަށްދާތީވެ، އެރަށުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު ކާފިއު ހިންގަން ފަށާފައެވެ. އެރަށުގެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސްކޫލްތަކުގައި ކިޔަވައިދޭނި ގުރޭޑް 7 ން މަތީގެ ދަރިވަރުންނަށް ކަމަށެވެ. އަދި ރޭގަނޑުގެ 21:00 ން ފެށިގެން ފަތިހު 04:00 އާއި ދެމެދު ބޭރަށް ނުކުތުން މަނާކަމަށެވެ. އަދި އެވަގުތު ތަކުގައި ޚާއްޞަ ހުއްދަ ދީފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީވެސް މަނާކަމެއްކަމުގައި އެކައުންސިލުގެ ބަޔާނުގައިވެއެވެ.
އެކައުންސިލްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައި އެއްވެ ނޫޅުމާއި، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްްޓުމައި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމާއި، ސެލޫންތަކާއި ބޯކޮށާ ތަންތަން ރޭގަނޑު 9:00 އަށް ބަންދު ކުރުމާއި، ފިހާރަތަކާއި ވިޔަފާރި ކުރާ އެހެނިހެން ތަންތަންވެސް ރޭގަނޑު 9:00ގެ ފަހުން ބަންދުކޮށް ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީ ހިދުމަތް ދިނުމާއި، ހޮޓާ ރެސްޓޯރެންޓްތައްވެސް ރޭގަނޑު 9:00 އަށް ބަންދުކޮށް، 9:00 އިން 12:00 އަށް ޑެލިވަރީ ހިދުމަތް ދިނުން ހިމެނެއެވެ.
އަދި ހަމަ މިއަދުގެ އިތުރުރަށްތަކެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އެގޮތުން މިއަދު ގދ. މަޑަވެއްޔާއިއެކު 25 ރަށެއް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.
މިއަދު މަޑަވެލި ބަންދުކޮށްފައިވާއިރު، އެ އަތޮޅުވެރިކަން ކުރާ ރަށް ގދ. ތިނަދޫ ބަންދުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެރަށް ބަންދުކޮށްފައި ވަނީ ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުންދާތީއެވެ. އެގޮތުން އިއްޔެ އެކަނި އެރަށުން 50 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެރަށުގައި މިހާރު ބަލި ޖެހިފައި ތިބި 118 މީހަކު ތިބިކަން ފާހަގަކޮށްލަން ޖެހެއެވެ.