ބީއެމްއެލްގެ ކްރެޑިޓް ކާޑު ލިމިޓް ދެގުނަ ބޮޑުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް، ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެގުނަ ބޮޑުކުރުމަށް އެ ބޭންކުން މިއަދު ނިންމައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށް ބޭންކުން ވިދާޅުވެއެވެ.
މި ބަދަލާއެކު ބީއެމްއެލްގެ ކްލެސިކް، ގޯލްޑް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 1،400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 1،500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 3،000 ޑޮލަރަށް ބޮޑުވެގެންދާނެ ކަމަށް ބޭންކުން ހާމަކުރެއެވެ.
މި ނިންމުމަކީ ބޭރު ފައިސާގެ މުއާމަލާތްތަކުގައި ދިވެހި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އާ ލިމިޓްތަކަށް އަމަލުކުރަން ފެށުމުން، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

