ވާހަކަ

ދޮންކުކުޅު

  ޖަންގަލީގައި ދިރިއުޅެމުން ދިޔަ ޖަނަވާރުންގެ ތެރޭގައި ދޮންކުކުޅު ކިޔާ ކުކުޅެއް އުޅުނެވެ. ދޮންކުކުޅުގެ ވަރަށް ގިނަ އެކުވެރިން ތިބެއެވެ. މި ސަބަބާ ހުރެ ދޮންކުކުޅު ވަރަށް ބޮޑާވެ ފަޚުރުވެރިވެއެވެ. ކޮންމެ ކަމެއްގައިވެސް ދޮންކުކުޅުގެ އެކުވެރިން އެހީތެރިވެދޭތީއެވެ.

މިހެން އުޅެނިކޮށް އެއްދުވަހުކު ޖަންގަލީގެ ދުރުހިސާބަކުން އައި ހިޔަޅަކަށް މި ދޮންކުކުޅު ފެނިއްޖެއެވެ. ދޮންކުކުޅު ފަހަތުން ހިޔަޅު އަންނަތީ ފެނިގެން ނިކަން ބިރުގަތެވެ. އަދި ވަރަށް ބާރަށް ދުވެފައި ދޮންކުކުޅުގެ އެކުވެރިން ކައިރިޔަށް އެހީވުމަށް ދިޔައެވެ.

އެންމެ ފުރަތަމަ ދިޔައީ މުސަޅު ކައިރިއަށެވެ. ” އަހަރެންގެ ފަހަތުން ހިޔަޅެއް އެބަ އާދޭ! އަހަރެންނަށް އޭގެ ކިބައިން ސަލާމަތް ވާނެ މޮޅު ގޮތެއް ބުނެދީބަލަ. އެކުވެރިޔާއަކީ ވަރަށް ވިސްނުން ތޫނު މީހެއްނު.” ޖަވާބުގައި މުސަޅު ބުންޏެވެ. ” ހޫން.. ތިޔަބުނީ ރަނގަޅަށް! އެކަމަކު މިވަގުތު އަހަރެން ވަރަށް ބުރަކޮށް މިއުޅެނީ. ކަލޯގެ އެކުވެރި ފުއްލާ ކައިރިޔަށް ދާންވީނު އެހީއެއް ލިބޭތޯ؟

މިހެން ހަމަ ބުނުމާއެކު ދޮންކުކުޅު އެކުވެރި ފުއްލާ ފެނެތޯ ދުވަން ފެށިއެވެ. ” އެކުވެރިޔާ! ތިޔަ ތޫނު ދަޅައިން ބިރުދައްކާލައިގެން ނަމަވެސް އަހަރެންގެ ފަހަތުން އަންނަ ހިޔަޅުގެ ކިބައިން އަހަރެން ސަލާމަތް ކޮށްދީފާނަންތަ؟” ފުއްލާ ފެނުމާއެކު ދޮންކުކުޅު ނިކަން އާދޭހާއި އެކު އެދުނެވެ.

“އެކުވެރި ދޮންކުކުޅާ! އަހަރެންނަށް ވަރަށް ބޮޑަށް މާފުކުރޭ! އަހަރެން މިވަގުތު މިއޮތީ ވަރަށް ބަޑުހައިވެ ވަރުބަލިވެފަ. ކޮންމެވެސް ތާކުން ކާއެއް ލިބޭތޯ ދާން މިދަނީ. ކަލޯގެ އެކުވެރި ބުޅާ ކުރެން އެހީއަކަށް އެދެންވީނު؟” ފުއްލާ ނިކަން ވަރުބަލި ގޮތަކަށް ހިނގަމުން ވާހަކަ ދެއްކިއެވެ.

ދޮންކުކުޅު އަނެއްކާވެސް އަވަސްވެ ގަތީ އެކުވެރި ބުޅާ ފެނޭތޯއެވެ. ބުޅާވެސް ދިނީ އެހެން އެކުވެރިން ދިން ކަހަލަ ޖަވާބެކެވެ. އަސްދޫންޏާއި ބާޒުގެ އިތުރުން ދޮންކުކުޅުގެ ހުރިހާ އެކުވެރި  ކުކުޅުތައް ކައިރިޔަށް ދިއުމުންވެސް ލިބުނީ ހަމަ އެއްކަހަލަ ޖަވާބެކެވެ. އެކަކުވެސް ދޮންކުކުޅަށް އެހީވާކަށް ނޫޅުނެވެ. އެކަމާ ދޮންކުކުޅު ނިކަން ދެރަވިއެވެ.  

އެންމެފަހުން، ދޮންކުކުޅަށް ވިސްނުނެވެ.  އަމިއްލަނަފްސު ސަލާމަތް ކުރަން ފުރަތަމަ ޖެހޭނީ އެމީހަކު އަމިއްލައަށް މަސަކަތް ކުރާށެވެ. ހަލުވިކޮށް ދުވެފައިގޮސް ވަރަށް ބޯ ގަސްތަކެއްގެ ތެރެއަށް ވަދެ ނިކަން މަޑުން ފިލާއޮތެވެ. ހިޔަޅަށް އެހެން ޖަނަވާރެއް ފެނިގެން އެހިސާބުން ދުރަށް ދަންދެން ދޮންކުކުޅު އެތަނުގައި އޮތެވެ.

ދޮންކުކުޅު ހިތަށް އެރިއެވެ. ” ކޮންމެ ކަމެއްގައި އެކުވެރިންނަށް ބަރޯސާނުވެ އަމިއްލައަށްވެސް ކަންކަން ކުރަން ނުވަތަ ކަންކަމުން ތިމާގެ ފުރާނަ ސަމާލަތްކުރާނެ ގޮތް ދަސްކުރަން ޖެހެއެވެ.

  (ނިމުނީ)

ޢިބްރަތް: ކޮންމެ ކަމެއްގައިވެސް އެހެންމީހުންނަށް ބަރޯސާނުވެ އަމިއްލައަށް ކަންކަން ކުރެވޭތޯ ބަލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close