ނުކުޅެދުންތެރިކަން ހުންނަ 3769 ދަރިވަރުން ސްކޫލްތަކުގައި ކިޔަވާ – މިނިސްޓްރީ
ނުކުޅެދުންތެރިކަން ހުންނަ 3769 ދަރިވަރުން ސަރުކާރު ސްކޫލްތަކުގައި މިހާރުވެސް ތަޢުލީމް ޙާސިލްކުރަމުން ދާކަމަށާއި، އެކުދިންނާއި އަދިވެސް އިތުރުކުދިން ތިބިނަމަ އެހެންކުދިންނަށްވެސް އުމުރުގެ ކުރީކޮޅު ދެެނެގަނެ އެފަދަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ދިނުމުގެ ނިޒާމު ސްކޫލްތަކުގައި ޤާއިމުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާޢްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ނެތުމަކީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް މިނިސްޓްރީތަކާއި އެކު މިހާރު މަޝްވަރާތައް ފަށްޓަވާފައިވާކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމު ފުޅާކޮށް، އެކުދިންނަށް އެންމެ އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ޤާއިމުކޮށް، އެފަދަ ކުދިންގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް މޮނިޓަރ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޚާއްސަ ޑިޕާޓްމަންޓެއް އެ މިނިސްޓްރީގައި ދާދި ފަހުން ޤާއިމުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އަލަށް އުފެއްދި މި ޑިޕާޓްމަންޓްގެ ދަށުން މިހާރުވެސް މުހިންމު ގިނަ މަސައްކަތްތައް ފަށައިގެން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން މި ޑިޕާޓްމަންޓުން ކުރުމަށް ކަނޑައަޅާ ކަންކަން ދެނެގަތުމާއި، އަދި ކަންކަން ހިންގާނެގޮތުގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެތެރޭގައި އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތު އަލުން ރިވިއުކުރުން ހިމެނެއެވެ. އަދި އެފަދަ ކުދިންނަށްނަށް ބޭނުންވާ މުދައްރިސުން ތަމުރީނުކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލްގެ ތެރެއިން މިފަދަ ކުދިންނަށް ދެވޭނެ ފަރުވާތައް ދެނެގަތުމުގެ މަސައްކަތްކުރަމުންދާ މިނިސްޓަރވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެމުން ދިޔަނަަމަވެސް، ސްކޫލްތަކުގައި އެފަދަ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ އެންމެ ފުރިހަމަ ވަސީލަތްތައް އަދި ޤާއިމުވެފައި ނެތްކަމަށެވެ.
” 89 އިންކްލޫސިވް ސަޕޯޓް ޔުނިޓްވެސް މިހާރު އެބަހުރި. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިންޑިވިޖުއަލައިޒްޑް އެޑިއުކޭޝަން ނިޒާމުވެސް ގެންނަން މަސައްކަތް މިކުރަނީ. މިފަދަ ކުދިންނަށް ބޭނުންވާ ވަސީލަތް ހޯދުމަށް ސްކޫލްތަކަށް މާލީ އެހީގެ ގޮތުގައި ދަރިވަރަކަށް 2500ރުފިޔާވެސް ދެން.” މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ 213 ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގެންދަނީ ތަޢުލީމު ދެމުންނެވެ.
