މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިރާގު އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ ކުންފުންޏަކީ ޒުވާނުން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ޒުވާނުން އެމީހުންގެ ދާއިރާތަކުން ކުރިއެރުމަށް މަގުފަހިކޮށްދީފައިވާ ކުންފުންޏެކެވެ.
އެމްބީއޭ އާއި ގުޅިގެން ދިރާގުން ރާއްޖޭގެ ކުޅިވަރު ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދޭނީ ޒުވާނުން ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުގެ ބާސްކެޓްބޯޅަ ކުޅުންތެރިން ކުރިއެރުވުމަށާއި ހުރިހާ ދާއިރާއެއްގައި ވެސް ޒުވާނުން ކުރިއެރުވުމަށެވެ.
“މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ހުނަރުވެރިންނާއި ޓްރެއިނަރުން އަދި ރެފްރީން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބާސްކެޓް ބޯލް އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެން އުންމީދު ކުރަނީ އެމްބީއޭ އާ ގުޅިގެން އެމީހުންގެ ތަޖުރިބާ އުފުލިގެން ދިއުން،” ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.
“ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއެރުވުމުގައި ދިރާގުން އަމަލީ ގޮތުން ބައިވެރިވެ، ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގައި ދިރާގުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރަން. ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ފަރާތުން ލިބުނު ހުރިހާ އެއްބާރުލުމަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން އަދި މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދުކުރަން،” މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވި އެވެ.
ޒުވާން ކުދިން ބާރުވެރިކުރުވުމަށް ދިރާގުން ގެންގުޅޭ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސްއަކަށް ވާތީ، ޒުވާނުން ކުރިއެރުވުމަށް ހިންގާ ތަފާތު ޕްރޮގްރާމްތަކަށް އެ ކުންފުނިން އަންނަނީ އެއްބާރުލުން ދީ، ޒުވާނުންނަށް ‘މާދަމާ’ ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދީފައެވެ.
ދިރާގުން ދަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޒަރިއްޔާއިން މުޖުތަމައުތައް ހަރުދަނާ ކުރުމަށް ހިންގާ މަޝްރޫއުތަކަށް އެއްބާރުލުންދީ، އެކަމަށް ވަކާލާތު ކުރަމުންނެވެ.

