ޚަބަރު

ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު މަތީ ފަންތީގެ ވަޒީފާތައް އަދާކުރަނީ ދިވެހިން ކަމުގައި ހަދާނަން – ނާއިބުރައީސް

ރާއްޖޭގައި އާމްދަނީ ލިބޭ މަތީ ފަންތީގެ ވަޒީފާތައް އަދިވެސް ބިދޭސީން އަދާކުރާކަމަށާއި ނަމަވެސް ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމޭއިރު މިފަދަ ވަޒީފާތަކަކީ ދިވެހިން އަދާކުރާ ވަޒީފާތަކަކަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބްރައީސް ފައިސަލް މިހެން ވިދާޅުވީ ހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތުން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ މަގު ފަހިކޮށްދިނުމާއި، އެކި ދާއިރާތަކުން ޢަމަލީ ތަމްރީނު އުނގަންނައިދޭ ގިނަ ކޯސްތަކެއް ފެށުމަކީ މިކަމަށް ހުޅުވިގެންދާ ދޮރެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހޯޑެއްދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށު ކައުންސިލާ ބައްދަލުކުރައްވައި ދިމާވާ ދަތިތައް އޮޅުންފިލުއްވާފައިވެއެވެ. އެގޮތުން އެރަށުގެ ކަރަންޓު މައްސަލައާއި، ބަނދަރުން ބައެއް ވެއްޓި ދިމާވެފައިވާ ދަތިތަކާއި، ނުނިމި ހުރި ހައުސިންގ މަޝްރޫޢުތައް އަވަސްކޮށްދިނުމާއި، ސްކޫލްގައި ހުރި ބައެއް މައްސަލަތައް ކައުންސިލުން ނާއިބުރައީސާ ޙިއްޞާކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މީގެތެރެއިން ބައެއް މަސައްލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

“ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ބަޖެޓުގައި ހިމަނާފައިވާކަމެއް. އަދި ހައުސް ޔުނިޓްތަކުގެ މައްސަލަވެސް މިހާރު، ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުންގެންދަނީ.” ނާއިބުރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތަކަކީ ނަމެއްގައި ކުރާ މަސައްކަތްތަކަކަށް ނުހައްދަވާނެކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުންގެ އިހުސާސްތަކަށް ރިޢާޔަތްކޮށް، އެންމެ އެކަށީގެންވާ ފަރާތަތްކާ ހަވާލުކޮށްގެން، ރަނގަޅު ފެންވަރަކަށްކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

އަދި އެއްވެސް ކަމެއް ގޯސްކޮށް ދާނަމަ، އެކަންކަން ސަރުކާރާ ޙިއްޞާކޮށް، ކަމާބެހޭ އިދާރާތައް އެ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަސައްކަތް ކުރުމަށް ނާއިބުރައީސް އެދިވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close