މާލޭގައި ބުޅާ މަރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހަމަލާދީ އަނިޔާކޮށް މަރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަން ހުއްޓުވައިދެއްވުމަށް އެދި ފުލުހުންނަށް މިރޭ ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލައަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.
މާލޭގެ ބައެއް ހިސާބުތަކުގައި އަނިޔާވެރިގޮތަކަށް ބުޅާ މަރަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ގިނައިން މާލޭ މަގުމަތިން މަރުވެފައި އޮންނަ ބުޅާ ފެނިފައިވާ ކަމަށް ބުނެފައެވެ.
ޖަނަވާރުންގެ ހިމާޔަތުގައި އުޅޭ ދިވެހިން ބުނާގޮތުން، މާލޭގައި ބުޅާ މަރަނީ ގުރޫޕަކުންނެވެ. އަދި ބުޅާ މަރާފައި ހުންނަނީ ބޮލުގައި އެއްޗަކުން ޖަހައިގެންނެވެ.
އެ މައްސަލައިގާ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަން ހުއްޓުވައިދެއްވުމަށް އެދި މިރޭ ފުލުހަށް މައްސަލަ ހުށަހެޅިއިރު، ބުޅާ މަރާ މައްސަލައިގައި ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވެސް ވަނީ މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.
ރާއްޖޭގެ ގާނޫނު ބުނާގޮތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކަނޑައަޅާފައިވަނީ ކުށެއްގެ ގޮތަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

