ނާލާފުށީ ބަނދަރުގެ ދިއްލުންތައް ރަނގަޅުކޮށްފި
މ.ނާލާފުށީ ބަނދަރު ދިއްލުމަށް ކުރިން އަޅާފައިވާ ކޭބަލް ނަގައި ފެންވަރު ރަނގަޅު އައު ކޭބަލް އެޅުމުގެ މަސައްކަތް މިއަދު އެރަށު ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްރޫޢުއަކީ 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބަޖެޓްގައި ހިމަނުއްވާ ނާލާފުށީގެ ތަރައްޤީއަށް ދެއްވި ފައިސާއިން ކުރިއަށް ގެންދަވާ މަޝްރޫޢެއްކަމުގައި ނާލާފުށީ ކައުންސިލްގެ ރައީސް މަޢުލޫމާތު ދެއްވިއެވެ.
ކައުންސިލްގެ ރައީސް ޙަސަން ޢަބުދުއްރަޙްމާން ވިދާޅުވީ މިއީ ނާލާފުށީ ކައުންސިލްގެ އެދުމުގެ މަތިން ސަރުކާރުންހަމަޖައްސަވައިދެއްވި ޕްރޮޖެކްޓެއްކަމުގައެވެ. އަދި މިޕްރޮޖްކްޓް ހަމަޖެހިގެންގޮސްފައިވަނީ ރައްޔިތުންގެ ބޮޑުހިއްސާއެއް ހިމެނޭ ގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޕްރޮޖެކްޓްގެ މަސައްކަތް މިއަދު ފަށާފައިވާއިރު މިމަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށް ލަފާކުރެވެނީ އަންނަ އޭޕްރިލް 15 އަށްކަމަށާއި، އަދި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އެތާރީޚަށް މަސައްކަތް ނިންމަޖެހޭގޮތަށް އޮންނާނެކަމަށްވެސް އޭނާވިދާޅުވިއެވެ.
ނާލާފުއްޓަކީ ތަރައްޤީއަށް ލޯބިކުރާ އަދި އަމިއްލަ މަސައްކަތުން ކުރިއަށް ދާން ހިތްވަރާއެކު މަސައްކަތްކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމުގައި ކަމަށް ކައުންސިލްގެ ރައީސް މިއަދު ނާރެސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
