މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މޯބައިލް ފޯނާއި އެހެނިހެން ސާމާނު އަތުލައިގަންފި
މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ގިނަ އަދަދެއްގެ އެހެނިހެން ސާމާނު ތައް ހިފަހައްޓައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މާފުށީ ޖަލަށް ގިނަ އަދަދެއްގެ މޯބައިލް ފޯނުތަކެއް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖޖެންސަށް ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދެމީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެއް ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ މާފުށީ އިންޓެލިޖެންސް ގުޅިގެން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 7:30 ހާއިރު ކަމަށާއި، މި އޮޕަރޭޝަންގައި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައި ވަނީ މާފުށީ ޖަލު ހުންނަ ސަރަހައްދުގެ ފަޅުތެރެއަށް ލޯންޗެއް ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި މާފުށީ ޖަލުތެރެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
މިހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޯބައިލް ފޯނާއި، 104 ޗާޖަރާއި، 9 ހެޑްސެޓާއި، 30 ޔޫއެސްބީ ކޭބަލާއި، 18 ސިމް ކާޑާއި، ޖޮއިސްޓިކަކާއި، ފޯނުބެޓެރީގެ 14 ބެޓެރި ފެނިފައި ވާކަމަށެވެ.
ފުލުހުން ބުނީ މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިމައްސަލަ މިހާރު އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.

