މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅު – ރައީސް
މި ސަރަޙައްދުގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތާ އަޅައިބަލާއިރު، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ނިސްބަތުން ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ޙިތާބުގައެވެ.
އެ ޚިޠާބުގައި ރައީސް ވިދާޅުވީ ދިވެހި ކުޑަކުދީންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންކަން ހުރިކަމަށާއި، މިވަގުތު އެންމެ އިސްކަންދީގެން، ސަރުކާރުން ކުރިއަށް ގެންދަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި އުފަންވާ ކޮންމެ ކުއްޖަކީވެސް ތުއްތުއިރުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންތަކެއްކަން ކަށަވަރު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި ތުއްތު ކުދީންގެ ޞިއްޙީ ދުޅަހެޔޮކަމާއި، ޖިސްމާނީ ހަށިހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ކަމަށާއި، އެކުދީންނަށް ހެޔޮލަފާ ތަރުބިއްޔަތެއް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުޑަކުދިންގެ ޞިއްޙަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޞިއްޙަތަށް ގެއްލުންހުރި ތަކެއްޗާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށް، ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އުފުލުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އިސްލާމީ ތަރުބިއްޔަތު ދަރިންގެ ކިބައިގައި އަށަގަންނުވައިގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާ ނުކުރެވޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

