ސަމާލުވޭ! ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ “ރެޑް އެލާޓް” އަށް

ސިއްހަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވައި ނުސާފުވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ ޢިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އައިކިޔުއެއާ އެޕުން ދައްކާގޮތުގައި މާލެ ސަރަހައްދާއި، ދ. އަތޮޅު އަދި ލ. އަތޮޅު ހިމެނޭހެން ބޮޑު ސަރަހައްދަކަށް މިހާރު ވަނީ “ރެޑް އެލާޓް” ލެވެލްގައި ވައި ނުސާފުވެފައިކަމަށެވެ.
މިއީ އާންމުކޮށް އިރުވައި މޫސުމުގެ ފުރަތަމަ ދުވަސްވަރާއި ދިމާކާ އިރުއުތުރުން، އިންޑިއާ ސަރަހައްދުން ރާއްޖެއަށް އަންނަ ނުސާފު ވައިގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށް މެޓް އޮފީހުން ބުންޏެވެ.
ވައި ނުސާފުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުނިކުތުމަށާއި، ކޮންމެހެން ނިކުންނަންޖެހޭ ހާލަތްތަކުގައި މާސްކު އެޅުމަށް ވަނީ އަންގާފައެވެ. އަދި ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މެޓް އޮފީހުން ފާހަގަކުރާ ގޮތުގައި، މި ދުވަސްވަރު ޖައްވުގައި ހުރި ނުސާފުކަން ފިލައިދާނީ ބޯކޮށް ވާރޭ ވެހިގެންނެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުތަކަށް ވެސް ވައި ނުސާފުވެ “އޮރެންޖް އެލާޓް” ނެރެފައިވާއިރު، އާދައިގެ މިންވަރަކަށް ވައި ސާފުކޮށް ހުރީ ހަމައެކަނި އައްޑޫ ސިޓީގައެވެ. ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

