ޤައުމީ އަރުޝީފްގައި ހުރި ލިޔުންތައް މިހާރަށްވުރެ ފަސޭހައިން ފެންނާނެހެން ވެބްސައިޓެއް ހަދަނީ
ޤައުމީ ޢަރުޝީފުގައި ހުރި ބަހާ ގުޅުންހުރި ލިޔުންތައް އެއްތަނަކުން ފަސޭހައިން ފެންނާނެ ގޮތަށް ވެބްސައިޓެއް ފަރުމާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޤައުމީ އަރުޝީފުން ބުނެފިއެވެ.
ދިވެހިބަހުގެ ދުވަސް މިއަދު ޤައުމީ ފެންވަރުގައި ފާހަގަކުރަމުންދާއިރު ޤައުމީ ޢަރުޝީފުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ ޢަރުޝީފުގެ އިސްވެރިޔާ މުޙައްމަދު ޝާތިރު ވިދާޅުވީ މި މަސައްކަތުގެ ދަށުން މިފަދަ ލިޔުންތައް އެއްކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ދިވެހި ބަހާގުޅޭ ދިރާސާކުރާ ފަރާތްތަކާއި ކިޔަވާ ކުދިންނާއި ނޫސްވެރިންނަށް މަޢުލޫމާތު ލިބުމުގައި ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ލިޔުންތައް އެއްކުރުމަށްފަހު ލިޔުންތައް އާއްމުކުރާ ކަލެކްޝަން ވެބްސައިޓަކީ ކޮންމެ މީހަކަށްވެސް ވަދެވޭގޮތަށް ފަރުމާކުރާ ވެބްސައިޓެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝާތިރު ވިދާޅުވީ ބަހުގެ ލިޔުންތައް ހޯދުމުގެ ފުރުސަތު މިހާރުވެސް އޮންނާނެކަމަށާ ނަމަވެސް މިހާރު ދިވެހިބަހާ ގުޅުންހުރި ލިޔުންތައް ހޯދުމަށް ބައެއް ފަރާތްތަކަށް ދަތިތަކެއް ހުރިކަމަށް ޤަބޫލުކުރެވޭތީ މިމަޢުލޫމާތު މިހާރަށްވުރެ ފަސޭހައިން ލިބޭނެގޮތް ހެދުމަކީ މިމަސައްކަތުގެ މަޤުސަދުކަމަށެވެ.
މިހާރުވެސް ބަހާގުޅުންހުރި ބައެއް ދިރާސާތައް ހެދުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި ބަހަށް ލޯބިކުރާ އެކި ފަރާތްތަކުން އަންނަނީ ޢަރުޝީފުގައިހުރި އެކި ލިޔުންތައް ހޯދަމުންނެވެ. ދިވެހި ތާރީޚާއި އެކި ޤައުމުތަކާއެކު ރާއްޖެއިންކޮށްފައިވާ މުޢާމަލާތްތަކާއި ސަރުކާރުގެ އެކި އޮފީސްތަކުގެ ހުރިހާ މަޢުލޫމާތެއް ޤައުމީ ޢަރުޝީފުން އަންނަނީ ރައްކާކޮށް ބަލަހައްޓަމުންނެވެ.

