ސަމާލުވޭ! މޫސުން ގޯސްވެ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:10 އިން މެންދުރު 13:00 އާ ހަމައަށެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބާރަށް ގުގުރާނެ ކަމަށް ބޮޑަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން ނެރުނު ސަމާލެކެވެ.
ރޭގެ ވަގުތެއްގައި މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައިވާއިރު، މޫސުމާ ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
