އޯޝަން 6/50 ގެ ޑިޖިޓަލް ޕާޓްނަރއަކަަށް ދިރާގު
އޯޝަން 6/50 ގެ ޑިޖިޓަލް ޕާޓްނަރއަކަަށް ދިރާގު ހަމަޖައްސާ، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.
ދިރާގުން ބުނީ ތިމާވެއްޓާއި ކަނޑުފަޅުތަކާ ގުޅޭ ކަންކަމަކީ އެ ކުންފުނީގެ ސީއެސްއާރު ހަރަކާތްތައް އަމާޒުކުރެވިފައިވާ އެއް ދާއިރާ ކަމަށެވެ.
އެގޮތުން އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން “ފެނުއަޑީގެ ދިރުން” ގެ ދަށުން ހިމެނޭ ކަންކަން ފުރިހަމަކުރުމަށް 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އެހީވަމުން އަންނަކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ޔުނިކްސް ސްޕޯޓިންގ އާއި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ 50 ގަޑިއިރުގެ ޑައިވިންގ ހަރަކާތެކެވެ.
މި ފެބްރުވަރީ މަހުގެ 25ން 27އަށް ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށްދާ 50 ގަޑިއިރު ޝަފްރާޒް ހޭދަކުރާނީ ކަނޑު އަޑީގައެވެ.
މިއީ މިފަދަ ހަރަކާތެއް ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މި ހަރަކާތް ވެގެންދާނީ ސަރަހައްދީ ރެކޯޑަކަށެވެ.
ޝަފްރާޒު ކަނޑުއަޑީގައި ހޭދަކުރާ ވަގުތު، ހަރަކާތުގައި ބައިވެރިވާ ޑައިވަރުން ޝަފްރާޒާ ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ވައުދެއްގައި ސޮއި ކުރުމަށް ވަނީ ނިންމާފައެވެ.
މިއީ ރާއްޖެއާއި ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާ ޑައިވަރުންނާއި މެރިން ރިސަރޗަރުން އަދި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަންކޮށް، ތިމާވެއްޓާ ގުޅޭ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ބާއްވާ ހަރަކާތެކެވެ.

