މެޑްލެބް ލެބޯޓްރީގެ ޚިދުމަތް ލަންދޫގައި ދޭން ފަށައިފި
މެޑްލެބް ޑައިގްނޯސްޓިކްސް ޕްރައިވެޓް ލިމިޓެޑާއި، ނ.ލަންދޫ ހެލްތްސެންޓަރ ގުޅިގެން މެޑްލެބް ލެބޯޓްރީގެ ޚިދުމަތް ލަންދޫގައި މިއަދު ފަށައިފިއެވެ.
މެޑްލެބްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ލަންދޫ ހެލްތްސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބުދުލް ޢަޒީޒް މުޙައްމަދު އެވެ.
މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ލަންދޫ ހެލްތްސެންޓަރގެ މެނޭޖަރ އަލްފާޟިލް ޖައުފަރު ރަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ފެށިގެންދާ މިޚިދުމަތުގެ ސަބަބުން ލަންދޫގެ އިތުރުން މާފަރާއި، މާޅެންދޫ އާއި، އަދި ކުޑަފަރީގެ ރައްޔިތުންނަށްވެސް ތަފާތު ޓެސްޓްތައް ހެދުމުގެ ފުރުޞަތު ރަށުގައި ތިބެގެން ލިބިގެންދާނެކަމަށެވެ.
މާލޭގައި ހުރި ބޮޑެތި ހޮސްޕިޓަލްތަކުގެ ލެބޯޓްރީ ތަކުން ހެދޭނެ ހުރިހާ ޓެސްޓްތަކެއް މިއަދު މިފެށުނު “މެޑްލެބް” ގެ ޚިދުމަތުގެ ދަށުން ރަށުގައި ތިބެގެން ހަދާލެވޭނެ. އިތުރު ޚަރަދެއް އަތުން ކުރާކަށް ނުޖެހޭނެ، ސަތޭކަ ޕަސަންޓް އާސަންދަ ކަވަރ ކުރާނެ. މިއީ ނ.އަތޮޅުގެ އިރުމަތީ ބިތުގެ ރައްތަކަށް ލިބުނު ރަނުގެ ފުރުޞަތެއް. ޖައުފަރު ރަޝީދު މިއަދު ވިދާޅުވިއެވެ.

މެޑްލެބް ޑައިގްނޯސްޓިކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވިއެވެ. އެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ މެޑްލެބަކީ ވަރަށް ފުޅާދާއިރާއެއްގައި ރާއްޖޭގައި ލެބޯޓްރީގެ ޚިދުމަތްދޭ ކުންފުންޏެއްކަމަށެވެ. އަދި މާލޭގެ އިތުރުން މާލެ އަތޮޅުގެ ވަރަށް ގިނަރައްތަކަށް، ރިސޯޓްތައް ހިމެނޭގޮތުން ލެބްގެ ޚިދުމަތް ދެމުން އަންނަ ކަމަށާއި، ބޮޑެތި ހޮސްޕިޓަލްތަކުން ހެދޭނެ ހުރިހާ ޓެސްޓްތަކެއް މެޑްލެބް އިން ހަދާލެވޭނެކަމަށްވެސް ވިދާޅުވިއެވެ. މާލެއާއި މާލެ އަތޮޅުގެ ބޭރުން އެކުންފުނީގެ ޚިދުމަތް ހޯދާ ފުރަތަމަ ރަށަކީ ނ.ލަންދޫކަންވެސް އެކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ މިއަދު ފާހަގަ ކުރެއްވިއެވެ.

ނ.ލަންދޫ ހެލްތް ސެންޓަރަކީ ނ.އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ލިބޭ މަދުރަށްތަކެއްހުރި އިރު ނ.އަތޮޅުގެ އިރުމަތީ ބިތުގެ ގިނަ ރަށްރަށުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް މިހާރުވެސް ގިނަބަޔަކު ޒިޔާރަތް ކުރަމުންދާ ސެންޓަރެކެވެ.


