މަނަދޫ އާއި މިލަދޫ މިއަދުގެ މެޗުގެ ނަތީޖާއަށް ބަލަބަލާ
މިހާރު ނ. ކެނދިކުޅުދޫގައި ކުރިއަށްދާ މިއަހަރުގެ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވޭ މާޅެންދޫ އާއި ހެނބަދޫ ބައްދަލުކުރާ މެޗުން ހެނބަދޫ މޮޅުވެއްޖެނަމަ އޭ ގްރޫޕުގެ 2 ވަނަ ޓީމެއްގެ ގޮތުގައި ހެނބަދޫ ސެމީފައިނަލަށް ދާނެއެވެ.
މި ގްރޫޕުގައި ހިމެނޭ މަނަދޫ އާއި މިލަދޫއަށް 6 ޕޮއިންޓް ލިބިފައިވާއިރު ހެނބަދޫއަށް މިހާރުވަނީ 7 ޕޮއިންޓް ލިބިފައެވެ. މިހެންކަމާއިއެކު މިއަދުގެ މެޗުން މޮޅުވެއްޖެނަމަ 10 ޕޮއިންޓާއި އެކު ގްރޫޕްގެ 2 ވަނަ ޔަޤީންވާނެއެވެ. މިއަދުގެ މެޗު އެއްވަރުވެ ނުވަތަ ހެނބަދޫ ބަލިވެއްޖެނަމަ މަނަދޫ އާއި މިލަދޫ ބައްދަލްކުރާ މެޗު ކާމިޔާބު ކުރާ ބަޔަކަށް މި ގްރޫޕްގެ ދެވަނަ ހޯދުމުގެ ފުރުޞަތު ތަނަވަސް ވެގެން ދާނެއެވެ. މިހެންކަމާއި އެކު މިއަދުގެ މެޗަކީ ހެނބަދޫގެ އިތުރުން މަނަދޫ އާއި މިލަދޫއަށްވެސް ވަރަށް މުހިއްމު މެޗެކެވެ.
މުބާރާތުގައި މިހާތަނަށް ކުޅެފައިވާ މެޗުތަކަށްބަލާއިރު މި މުބާރާތުގައި މާޅެންދޫއަށް އެއްވެސް މެޗަކުން މޮޅުވެވިފައި ނެތުމުން ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މި ގްރޫޕްގެ 2ވަނަ ޖާގަ ހެނބަދޫއަށް ލިބިގެންދާނެއެވެ. މިގްރޫޕުގައި ހިމެނޭ މަގޫދޫ އާއި ކޭކޭ އިއްޔެ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން މި ގްރޫޕްގެ 1 ވަނަ 11 ޕޮއިންޓާއި އެކު ލިބިފައިވަނީ މުބާރާތް ބާއްވާ ރަށްކަމަށްވާ ކެނދިކުޅުދޫ (ކޭކޭ) އަށެވެ.
މިއަދު މާޅެންދޫ އާއި ހެނބަދޫ ބައްދަލުކުރާ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3.45 ގައި ކޭކޭގެ ފުޓްބޯޅަ ދަނޑުގައެވެ.



