ޚަބަރު

މީގެކުރިން ދުވަހަކުވެސްބޮޑުނުވާވަރަށް މާލޭގައި ފެންބޮޑުވެ 160 އާއިލާއަކުން އެހީތެރިކަމަށް އެދިއްޖެ

މީގެކުރިން ދުވަހަކުވެސް މާލޭ ސިޓީގައި ފެންބޮޑު ނުވާވަރަށް ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއަކުން ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެއެވެ.  

އެހީތެރިކަމަށް އެދިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަލާފާނު ސްކޫލުގައި މިހާރުވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކޯރޑިނޭޝަން ސެންޓަރެއްވެސް ޤާއިމް ކޮށްފައެވެ.

ރައީސުލް ޖުމްހޫރިއްޔާވަނީ އެ ސެންޓަރަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވާފައެވެ.  ރައީސް ޞާލިޙު ވިދާޅުވީ، މިއަދަކީ ފަހުގެ ތާރީޚެއްގައި މާލެއަށް އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑު ކުރެވިފައިވާ ދުވަސްކަމަށެވެ. އެގޮތުން 149 މިލި މީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި 6 އިންޗިއަށް ފެންބޮޑުވެފައިވާކަމަށެވެ. އަދި މާލޭ ސިޓީއަށް ބޯކޮށްވާރޭވެހި، ހިނގި ފެންބޮޑުވުމުގެ ޙާދިސާގައި މިހާތަނަށް 160 އާއިލާއަކަށް އަސަރުކޮށްގެން އެހީއަށް އެދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެން ހިންދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ފެން ހިއްކުމަށް ޤާއިމުކޮށްފައިވާ މެކޭނިކަލް ޕަމްޕުތައް ހަލާކުވެފައި ހުރުމުން ކަމަށެވެ. އަދި އެކަމަށް ކަމާބެހޭ ފަރާތްތަކުން ވަގުތުން އެޓެންޑްވެ، މާލޭގެ 14 ސަރަޙައްދެއްގައި ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާނަމަ، ކުރިއަށް އޮތް 2 ގަޑިއިރުގެ ތެރޭގައި މާލެއަށް ވާރޭ ނުވެހޭނަމަ، މަގުތަކުން ފެން ހިއްދުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، މިރެއާއި ދަންވަރުގެ ވަގުތުތަކުގައިވެސް މާލޭ ސަރަޙައްދަށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާއިރު، މިކަމަށް ދުރާލާ ތައްޔާރުވެ ތިބުން މުހިއްމުކަމަށާއި، މި ޙަދިސާއިން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ދަޢުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close